ދިގުރަށު އާ އިންޖީނުގެއިން ކަރަންޓް ދޭން ފަށައިފި
އދ. ދިގުރަށުގައި ސްޓެލްކޯ އިން ޒަމާނީ ފެންވަރަށް އިމާރަތް ކުރި އިންޖީނުގެއިން ރައްޔިތުންނަށް ހިދުމަތްދޭން ފަށައިފި އެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ބެލުމުގެ ދަށުން ހިންގާ އެ އިންޖީނުގެއިން ރަސްމީކޮށް ހިދުމަތްދޭން ފަށާފައި ވަނީ އިއްޔެ އެވެ. ދިގުރަށުގައި އަލަށް އިންޖީނުގެއެއް އަޅަން ޖެހުނީ މީގެ ކުރިން ރަށަށް ކަރަންޓް ދެމުން އައި އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުރުމުން އެކަމުގެ އުނަދަގޫތައް އާންމުނަށް ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށެވެ. ސްޓެލްކޯ އިން ބުނީ އަލަށް ހިދުމަތްދޭން ފެށި އިންޖީނުގޭގައި ކަރަންޓް ދިނުމަށް ހަތަރު ޖަނަރޭޓަރެއް ބަހައްޓާފައިވާނެ ކަމަށެވެ. އެއީ 360 ކިލޯ، 300 ކިލޯ، 200 ކިލޯ އަދި 170 ކިލޯ ވޯޓްގެ ހަތަރު ޖަނަރޭޓަރެވެ. އަދި ސްޓެލްކޯ އިން ބުނީ އަލަށް އިމާރަތް ކުރި އިންޖީނުގެ އަކީ މީގެ ކުރިން އެ ރަށަށް ދިމާވަމުން ދިޔަ ކަރަންޓު ކެނޑުމާއި ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށެވެ. ދިގުރަށުގެ ކައުންސިލް މެމްބަރު އިމްރާން އާދަމް ވިދާޅުވީ ރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވެގެން އަންނަ އިރު މިފަދަ ޒަމާނީ އިންޖީނުގެއެއް ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހިސާބާއި ދުރަށް އިންޖީނުގެ ބަދަލްވެގެން ދިޔުމަކީ މިވީހާ ދުވަހު ރައްޔިތުންނަށް ލިބެމުން ދިޔަ އުނދަގޫތަކަށް ހައްލެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ