ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 ޝަކުވާއެއް މިހާތަނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިފައި ވާތީ އެމައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އިން މިއަދު އިނގިރޭސިބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީގެ 18 މައްސަލައަކާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ 16 މައްސަލައަކާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް ޖޭއެސްސީ އިން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހާއި، ވެރިކަން ހިންގުމުގެ ބާރާއި ދަށު ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މައްސަލަތައް ހިމެނޭ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
"އާއްމު ރައްޔިތުން މިޝަކުވާތައް އުފުލާތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި އދ.ގެ ހާއްސަ މަންދޫބު ގެބްރިއެލާ ނައުލް 2013 ވަނަ އަހަރު ތައްޔާރު ކުރެއްވި ރިޕޯޓާއި ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޖޯން ކްރެގްލާ 2019 ވަނަ އަހަރު ތައްޔާރު ކުރެއްވި ރިޕޯޓްގައި ވެސް މިކަންކަން ފާހަގަ ކުރައްވާފައިވެއެވެ." ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަގާމުން ދުރުކުރަން އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރައްވާ ކަމަށް ބުނާ މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޟީގެ މަގާމުގައި ހުންނަވަނިކޮށް ސަސްޕެންޑް ކުރި އަހްމަދު ހައިލަމްގެ މައްސަލަަ ތަޙްޤީޤު ކުރަމުންދާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ޖޭއެސްސީ އިން ވިދާޅުވީ އެއްވެސް ފަނޑިޔާރަކާއި ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެއްވެސް މަޑުޖެހުމެއް، ކުޑަކޮށް ލަސްކޮށްލުމެއް ވެސް ނެތި އެމައްސަލައެއް ޖޭއެސްސީ އިން ތަޙްޤީޤު ކުރާނެއެވެ.
ޖޭއެސްސީ އާއި ޤާނޫނުން މަތިކޮށްފައި އޮތް ޒިންމާ ޖޭއެސްސީ އަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެންކަމުން ޤާނޫނުން މަތިކޮށްފައި އޮތް ޒިންމާތައް އަދާކުރަމުން ގެންދާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ