މޫސުން ގޯސް ދުވަސްކޮޅެއް، ޗުއްޓީއަށް ފުރާއިރު ސަމާލުވޭ!

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެތީ، ދަތުރުފަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްކޫލްތަކުގެ އަހަރީ ޗުއްޓީ ފެށިފައިވުމާ އެކު މާލެ އާއި އަތޮޅުތަކުގައި ވެސް ދަތުރުފަތުރުކުރުން ވަނީ އިތުރުވެފަ އެވެ. ޗުއްޓީ ހޭދަކުރަން، އެއް ރަށުން އަނެއް ރަށަށް ގިނަ ބަޔަކު ކަނޑު ދަތުރުތައް ވެސް ކުރެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކި ސަރަހައްދުތަކަށް މި ދުވަސްކޮޅު ވާރޭވެހޭއިރު، އަންނަ މަހު ވެސް މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ދުވަސްވަރު ވިއްސާރަ ކުރަނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ގިނަ ދުވަސްތަކެއްގައި ވާރޭވެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ، ދެ މޫސުން ބައްދަލުވާ މަސް ކަމަށް ވާތީ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރުން އެކަށީގެންވެ އެވެ. އަދި ވާރޭ ވެހުން ކުޑަކޮށް މަޑުޖެހުނު ނަމަވެސް، ޖުމްލަ ގޮތެއްގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑި އިރު ވެސް ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ވައި ޖެހޭނީ 40 މޭލުގެ ބާރުމިނުގަ ކަމަށް އެތަނުން ބުންޏެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ބޯކޮށް ވާރޭވެހި މާލޭގައި މިއަދު ފެންބޮޑުވި އެވެ. ގިނަ މަގުތަކެއްގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާން ފެށުމުން ސިފައިން ނުކުމެ ވަނީ ބައެއް މަގުތަކުގައި ފެން ހިއްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ