މުގްނީއަށް އެހެން ވިދާޅުވެވުނީ އޮޅިގެން: މެމްބަރު އަލީ އާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ އިދިކޮޅަށް ކޮރޯނާވައިރަސް ޖައްސާފައި ކަމަށްބުނެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުގުނީ ދެއްކެވި ވާހަކަފުޅަކީ އެ މެމްބަރެއް އޮޅިގެން ވިދާޅުވެވުނު އެއްޗެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަވަމުން މެމްބަރު މުގުނީ ވިދާޅުވީ، އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފައި ކަމަށެވެ. މިކަމާއި ގުޅިގެން ސޯސަލްމީޑިއާގައި ގިނަބަޔަކު ނުރުހުން ފާޅުކުރަމުން ދިޔުއުމުން މަޖިލީހުގެ ވޯޓުގެ ގަޑި ނިމުމުން ނިޒާމީ ނުކުތާ ނަންގަވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ވަކި ބަޔަކަށް ބައްޔެއް ޖެއްސުމަށްފަހު އިންތިހާބެއް ކާމިޔާބު ކުރުމަކީ އެމްޑީޕީގެވެސް އަދި މުގުނީގެ ވެސް ވިސްނުމެއް ނޫން ކަމަށާއި އެ ބަހަކީ މުގުނީ ގަސްތުގައި ވިދާޅުވި ބަހެއް ނޫން ކަމަށާއި އެއީ މެންބަރަށް އޮޅިގެން ވިދާޅުވެވުނު ބަހެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީން ވެސް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ވެސް އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވުމުން އެވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން ސާފުކޮށްދެއްވި ކަމަށްޓަކައި އާޒިމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މަޖިލިސް ތަޅުމުގައި ސިޔާސީ ގޮތުން މެންބަރުންނަށް ކިތަންމެ ވަރަކަށްވެސް ކޯޅެވި ދާނެ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން ތެރޭގައި ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން އުފެދޭ ގޮތަށް އެއްވެސް މެމްބަރަކު ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ