އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށާއި ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު އަދި ހަމަނުޖައްސަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިންތިހާބާ ގުޅޭގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ ކަމަށާއި މާދަމާ އިލެކްޝަނުުން ފޯމް ނަގާނެ ކަމަށެވެ. އަދި ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ހަމަ ނުޖައްސަވާ ކަމަށާއި ފޯމް ހުށަހަޅާއިރު ރަނިންމޭޓަކާއެކު ހުށަހަޅާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"މެނިފެންސްޓޯ ވަރަށް ބޮޑުބައި ވަނީ ނިމިފަ، ބައެއް ކަންކަން މިހާރުވެސް ވާނީ ރައްޔިތުންނާއި ހިއްސާކޮށްފަ، ކެމްޕެއިން ކަންތައްތައްވެސް ކުރިއަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކާމެެދު ހިތްހަމަ ނުޖެހިގެން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ވިދާޅުވީ، ކެމްޕެއިން ކަންކަން މަޑުޖައްސާލައިގެން ހުންނެވީ އިދިކޮޅުން ކެނޑިޑޭޓެއްނެރި އެބޭފުޅުން ދެކޭ ގޮތް ހިއްސާކުރައްވަންދެން ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެބޭފުޅުން ކުރައްވަން ނިންމާފައިވާ ކަންކަން ހާމަ ކުރައްވަންދެން ކަމަށެވެ.
""ދެކޭ ގޮތަކީ މިބުނީ ކޮބާތޯ މިގައުމާ ދޭތެރޭގައި އެބޭފުޅުން ގެންނަން ބޭނުންވާ ބަދަލަކީ، އެބޭފުޅުންގެ ވިޝަނަކީ ކޮބާތޯ، އަޅުގަނޑުމެންނަށް ބޮޑުވެގެންވާ މައްސަލަތައް އެބޭފުޅުންނަށް ހައްލު ކުރެވިދާނެތޯ، އެކަމަށް އޮތް ޕްލޭންއަކީ ކޮބާތޯ، އެ އެއްޗެހި ބަލާލަން ވެގެން މަޑުކޮށްލީ، މި އިންތިހާބުގައި ތިން މީހަކު ކުރިމަތިލާނެ ކަމަށް މި ފެންނަނީ، އެއްފަރާތުން ދެން ހުންނެވީ ރައީސް ޔާމީން، ފަސް އަހަރު ދުވަހުގެ ތެރޭގައި އަމަލު ކުރިގޮތް އިނގޭތާ، އެހެންވީމަ އެބޭފުޅާ ކުރައްވާނެ ކަންތަކާއި ނުކުރައްވާނެ ކަންތައް ވަރަށް ސާފު،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުގެ މެނިފެސްޓޯ އަދިވެސް ސާފު ނުވާ ކަމަށާއި ހަމައެކަނި އަޑު އިވެނީ އަނިޔާވެރިކަން ނިންމާނެ ކަމުގެ ވާހަކަ ކަމަށެވެ. އެކަމަކީ އޭނާއަށްވެސް ވެރިކަން ލިބިއްޖެނަމަ ކުރައްވާނެ ކަމެއް ކަމަށާއި އެކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ކުރިމަތި ލުމަށްފަހު ކެމްޕެއިން ހަރަކާތްތައްވެސް ފަށާނެ ކަމަށާއި ތަނަވަސްކަން ހުރި ވަރަކުން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ފަހުކޮޅު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެޕާޓީން ވެސް އުމަރު ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ހާމަ ކުރައްވައި، އުމަރު އަންނަނީ އޭނާގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް ވީޑިއޯތަކެއް ނެރުއްވަމުން ނެވެ.
ދުލެއް ނުދޭނަން، އިންތިހާބުގައި ވާދަ ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ