ފިނޭ ސްކޫލް ގޯތިތެރެ ކޮނެގެން ގަބުރުތައް ނަގަނީ

ހދ.ފިނޭ ސްކޫލްގެ ގޯތި ތެރެ ކޮނެގެން ގަބުރުތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެގެން އެ ސްކޫލުން އިޢުލާނު ކޮށްފިއެވެ.
ފިނޭ ސްކޫލުން އިއްޔެ ގެޒެޓް ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އަމިއްލަ ތަކެތީގައި ފިނޭ ސްކޫލްގެ ގޯތި ތެރެ ކޮނެ، ގަބުރުތައް ނަގައި ސާފުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މި އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށައެޅުން އޮތީ 2018 ޖޫން 4 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 ގައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އެ ސްކޫލުން ވިދާޅުވެއެވެ.
ރާއްޖޭގެ ބައެއް ރަށްތަކަކީ އެތައް ފަހަރެއްގެ މަތިން ފަޅުވެފައިވާ ރަށްތައް ކަމުން ގަބުރުސްތާނުތައް ވަކިނުވެ، ގަބުރުސްތާނުތަކުގެ މަތީގައި މިސްކިތްތަކާއި ސްކޫލްތައް އަދި ޢާއްމުންގެ ގެދޮރު ބިނާކުރެވިފައިވާއިރު، އެފަދަ ތަންތަނުން ގަބުރު ކޮނެގެން ނެގުމުގެ މަސައްކަތް މަދުން ނަމަވެސް ރާއްޖޭގައި ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ