ސްކޫލް އިމްތިހާނުގައި މަކަރުހެދުން ހުއްޓުވުމަށްޓަކައި އަލްޖީރިއާގައި އިންޓަނެޓު ކަނޑަނީ!
އަލްޖިއާޒް (ޖޫން 21): އަލްޖީރިއާގެ ހައި ސްކޫލު އިމްތިހާނުގައި މަކަރު ހެދުން ހުއްޓުވުމަށްޓަކައި، އިމްތިހާނުތައް ބާއްވާ ގަޑީގައި މުޅި ގައުމުން އިންޓަނެޓު ކަނޑަން ފަށައިފިއެވެ. އިއްޔެ އަލްޖީރިއާއިން ވަނީ އިމްތިހާނު ހަދަން ފެށުމުން، އެއް ގަޑި އިރު ވަންދެން މުޅި ގައުމުން އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފައެވެ. އަދި އަންނަ ހޯމަ ދުވަހު އިމްތިހާނުތައް ނިމެންދެން އެފަދައިން އަމަލު ކުރާނެ ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަލްޖީރިއާއިން އެފަދައިން ނިންމީ އެގައުމުގައި 2016 ވަނަ އަހަރު ބޭއްވި އިމްތިހާނުގައި ގިނަ އަދަދެއްގެ ދަރިވަރުން މަކަރު ހަދައި، އިމްތިހާނު ކަރުދާސް ސޯޝަލް މީޑިއާގައި ލީކު ކުރި ފަހުންނެވެ. އެޑިއުކޭޝަން މިނިސްޓަރު ނޯރިއާ ބެންގަބްރިޓް ވިދާޅުވި ގޮތުގައި މިއަހަރު އެފަދަ ހާދިސާއެއް ހިނގުން ހުއްޓުވުމަށްޓަކައި، އިމްތިހާނު ބާއްވާ ހޯލްތަކަށް އިލެކްޓްރޯނިކް ސާމާނު ވެއްދުން ވަނީ މަނާކޮށްފައެވެ. އަދި އެހޯލްތަކުގެ ބޭރުގައި ވަނީ މެޓަލް ޑިޓެކްޓަރުތައް ހަރުކޮށްފައެވެ. މީގެ އިތުރުން އިމްތިހާނު ކަރުދާސް ޕްރިންޓު ކުރާ ތަންތަނުގައި ވަނީ ކެމެރާ ހަރުކޮށް، މޮބައިލް ފޯން ބޭނުން ނުކުރެވޭ ގޮތް ހަދާފައި ކަމަށްވެސް ބެންގަބްރިޓް ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަލްޖީރިއާގެ 700،000އަށް ވުރެ ގިނަ ދަރިވަރުން އެގައުމުގެ ހައި ސްކޫލު އިމްތިހާނު ހަދާނެއެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ