އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ޥަފާތެރި ޤާބިލް ރިޔާސީ ކެންޑިޑޭޓެއް 2018 ގައި ރައްޔިތުންނަށް ދައްކައިދިނުމަށް ޖަމްޢިއްޔަތުއްސަލަފުން މަސައްކަތްކުރަނީ

ލިޔުނީ : ޙަސަން ޝިޔާޒް2018 ވަނަ އަހަރުގެ އިންތިޚާބަށްޓަކައި އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ޥަފާތެރި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ކަރާމާތް ހިފަހައްޓާން ކެރޭ، ލަފާދާރު، ޤާބިލް، ތެދުވެރި ދިވެހި ދަރިއަކު، މާތް ﷲ ގެ ތަޥްފީޤާއި އެކު، ހުރިތާކުން ހޯދައި، ރައްޔިތުންގެ ކުރިމައްޗަށް ހާމަކޮށް، ދައްކައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ކެތްތެރިކަމާއި އެކު ތިބުމަށް ރާއްޖޭގެ ރައްޔިތުންނަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފިއެވެ.މިފަދައިން އިލްތިމާސްކޮށްފައިވަނީ ރޭ އެޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ސަލަފުން ބުނެފައި ވަނީ ކުރިއަށް އޮތް 2013 ވަނަ އަހަރަށް ރައީސް ކަމަށް ކުރިމަތިލައްވައިފާނެ ކަމުގައި ބެލެވޭ ޝަޚްސުންނާއި އަދި އެންމެހާ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ނެރުމަށް ވިސްނަވަމުންދާ ބޭބޭފުޅުންގެ ނަންތައްވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޕާޓީތަކަށް ރަސްމީކޮށް ލިޔެ ހޯދައި ދިރާސާ ކުރާނެ ކަމަށެވެ. އަދި ޤަޥްމުގައި ތިއްބެވި ހެޔޮލަފާ ޤާބިލު ފަރާތްތަކާއި އެކު ޤަޥްމުގެ ޙާލަތާއި މެދު މަޝްވަރާކޮށް، ރިޔާސީ ލަގަނުގައި ހިއްޕެވޭނެ ފަދަ ދިވެހި ދަރީން ދެނެގަނެ، އެ ވަޤުތަކަށް ޤަޥްމުގެ ޙާލަތާއި މަޞްލަޙަތު ނިޔާކުރާ ގޮތެއްގެ މައްޗަށް ބަލައި އެފަދަ މީހުން ރައްޔިތުންނަށް ރައްޔިތުންނަށް އެނގި ފެންނާނެހެން ނެރެ ދެއްކުމުގެ ޙައްސާސް މަސައްކަތް ވެސް ކުރާނެ ކަމަށެވެ.އެޖަމްޢިއްޔާއިން ބުނެފައިވަނީ ޤަޥްމުގެ ހުންގާނު އަމާންކަމުގެ އައްސޭރިއަކަށް މިޞްރާބުކުރަން ސިޔާސީ އެންމެހާ ފަރާތްތަކާއި، ޑިމޮކްރަސީ އާއި، ލާދީނީ އެންމެހާ ނިޒާމެއް މިއަދު ނުކުޅެދިފައިވާ ކަން ރައްޔިތުންގެ ލޯމައްޗަށް ހާމަވެ، އެޖަމްޢިއްޔާ އަށް މުޅީން ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސްކަމާއި، މާޔޫސްކަމުގެ ވަރުބަލިކަމުގެ މައްޗަށް ހަމްދަރުދީވެ، މުސްލިމް ދިވެހި އުއްމަތް ހަލާކުވެގެން ދިއުމުގެ ކުރީން އެއުރެން ސަލާމަތުގެ ސާޙިލަށް ޥާޞިލް ވެވޭނެ މަގުދައްކައިދިނުމީ ދީނީ، މަދަނީ އަދި އިޖްތިމާޢީ ޖަމްޢިއްޔާއެއްގެ ޙައިޘިއްޔަތުން އެޖަމްޢިއްޔާގެ މައްޗަށް ލާޒިމްކަމެއް ކަމުގައި ވެފައިވާތީ، ރައްޔިތުންނަށް މިފަދައިން އިލްތިމާސް ކުރަން މަޖްބޫރުވީ ކަމަށެވެ.އިތުރަށް އެޖަމްޢިއްޔާއިން ބުނެފައިވަނީ ދިވެހި ބިމުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ގޮވާން ހައްދަމުން، ބަނގުރަލާއި، ޒިނޭ އާއި އެއްޖިންސުގެ ނާދީތަކާއި، ޖުވާޚާނާތައް އުފެއްދުމުގެ މިނިވަންކަމަށް ގޮވައި، ކާފިރުން ރުހޭނެހައި ގޮތްތަކަށް ވަކާލާތުކޮށްދިނުމަށް މިޤަޥްމުގައި ތިބެމެ، އެކަމަކު ޔަހޫދީންނާއި ނަޞާރާއިންގެ އަޅުން ކަމުގައި ވެގެން ތިބި ޙާލު، ދިވެހިރާއްޖޭގެ ދީނާއި ސިޔާސަތާއި އިސްލާމީ ތަޞައްޥުރު ފޭރިގަނެ، ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނުގައި ހުރި އިސްލާމީ ތަރަޙަތައް ބަދަލުކުރުމަށްފަހު ޤަޥްމު ސުންނާފަތިކޮށްލުމަށް ބަޔަކު މީހުން ގަދައަޅައި މަސައްކަތްކުރަމުންދާކަން ހާމަވެ ފާޅުވަމުންދާ ކަމަށެވެ. މިގޮތަށް ކަންތައްތައް ހިނަގަމުންދާއިރުވެސް އެފަދަ މީހުންނަށް މި މުސްލިމް ޤަޥްމުގައި އެހެނިހެން ހުރިހާ ރައްޔިތުންނަށް ވުރެ ބޮޑު ޙިމާޔަތެއް ލިބިފައި ތިބި ބައެއްގެ ގޮތުގައި ފެނުމަކީ އެޖަމްޢިއްޔާ އާއި އެންމެހާ މުސްލިމް ދިވެހި ރައްޔިތުން އެއްވެސް ޙާލެއްގައި ބަރުދާސްތު ކުރާނޭކަމެއް ނޫންކަމުގައި ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ ރައްޔިތުންނަށް އިޢުލާންކޮށް އަންގާފައިވެއެވެ.ޖަމްޢިއްޔަތުއްސަލަފްގެ ބަޔާން ވިދާޅުވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ