ރައީސް ނަޝީދާ ގުޅޭ މައްސަލައެއްގެ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 ޖަލަށް ލުމަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް އަޑު އެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ބާއްވާ ގޮތަށް ނިންމައިފި އެވެ.
މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ މެންދުރުފަހު 3:00 ޖަހާއިރު ބޭއްވުމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ނަޝީދުގެ ގާނޫނީ ޓީމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ވެސް ވަނީ ނަޝީދާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ މައްސަލައަކީ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މައްސަލަ ނަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ނުކުރެއްވުމުން ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެއީ ނަޝީދުގެ ފަރާތުން ހުށަހެޅޭނެ މައްސަލައެއް ކަމަށް ބުނެ ޕީޖީ އޮފީހުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފް މައްސަލަ އެވެ.
ނަޝީދުގެ ފަރާތުންނާ ޕީޖީ އޮފީހުން ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ މިއަދު ތާވަލްކޮށްފައިވަނީ ކޮން ފަރާތަކުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެެވެ.
ރައީސް ނަޝީދާ ގުޅޭ މައްސަލައެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެމަނިކުފާނު ހުންނެވީ ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތުގަ އެވެ.
އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަަމަށް ނަޝީދު ވިދާޅުވި ނަމަވެސް ވަޑައިގަންނަވާނެ ވަކި ދުވަހެއް ނަޝީދު ވިދާޅުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ