2018 އަށް ވިސްނާނީ ހިތްހަމަޖެހޭ ވަރަށް ހިދުމަތްކޮށް ދެވިއްޖެނަމަ - ރައީސް

ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ފެއިލްވެއްޖެނަމަ 2018 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ވާހަކަ ނުދައްކަވާނެ ކަމަށާއި 2018 އަށް ވިސްނާނީ ހިތްހަމަޖެހޭ ވަރަށް ރައްޔިތުންނަށް ހިދުމަތްކޮށްދެވިއްޖެނަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ފަންނާނުންތަކެއް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.
"ރައްޔިތުންނަށް ބަލައިގަނެވޭ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށްވަންޏާއި 2018، 2023، މިހެން ގޮސް ގުނަ ކުރަން ހުރި ދުވަސްތައް ނުވަތަ އެއްކުރަން ހުރި ދުވަސްތަކަކީ އިރާދަކުރެއްވިއްޔާ ބާއްޖަވެރި ހަޔާތެއް ދިވެހި ރައްޔިތުންނަށް ދައްކައިދޭނެ ދުވަސްތަކެއް." ރައީސް ޔާމީން ވިދާޅުވި އެވެ.
މިރޭ ޕީޕީއެމާއި ގުޅުނު ބައެއް ފަންނާނުން ވަނީ ޕީޕީއެމް އާއި އެކު ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން 2018 ގެ ފަހުންނާއި 2023 ގެ ފަހުން ވެސް މިވެރިކަން ދަމަހައްޓާނެ ކަމަށް ބައެއް ފަންނާނުން މިރޭ ވަނީ ބުނެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ތަސައްވުރު ދައްކައިދިނުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި މަސް ނިމުމުން ޗުއްޓީ އަށް ދާން އުޅޭއިރު ރައްޔިތުންނާއި ގުޅުންހުރި އެންމެ މުހިންމު ބިލު ކަމަށްވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ނުނިންމާ ޗުއްޓީ އަށް ނުދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ މި ފަސް އަހަރު ދެއްވާށޭ، އަޅުގަނޑު ނެތިން އަޅުގަނޑަށް މަސައްކަތް ނުކުރެވޭ ކަމަށްވަންޏާއި ފަހަކުން ފަހަކުން ގުނަކުރަމުން ގެންދާކަށް، ފަންނާނުން ކިތަންމެ ހެޔޮފުޅުވެސްމެ، އެހެންނަމަވެސް އެއީ އަޅުގަނޑުގެ ސްޓައިލެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތް ކުރަނީ މިއަދުން މާދަމާއަށް، މާދަމާއިން މިއަންނަ މަހަށް، މިއަންނަ މަހުން ދެން އަންނަ އަހަރަކަށް، ފަސް އަހަރެއްގެ ދައުރެއްގެ ތެރޭގައި އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް ރައްޔިތުންނަށް ހިދުމަތްކޮށްދެވިއްޖެ ކަމަށްވަންޏާއި ދެން، 2018 ނޫނީ އެހެން ދުރު ވިސްނުމަކަށް ވިސްނާނީ." ރައީސް ޔާމީން އިތުރަށް ވިދާޅުވި އެވެ.
ރައްޔިތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ވޯޓު ދީފައިވަނީ ޓީމެއް އޮތުމުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބުގައި ޕީޕީއެމަށް ވޯޓުދީފައިވަނީ ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށްވާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވުމުން ކަމަށެވެ.
އަދި ރައީސް މައުމޫން ހުންނެވުމުން "ސިޔާސީ އޮޑި އެއްގޮތަކަށް ވެސް ފަރަށް ނާރާނެ" ކަމަށް ރައްޔިތުން އިތުބާރު ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރު ހަމަމަގުން ނައްޓާލައިގެން ދާކަމަށްވާނަމަ ސަރުކާރު ހަމަމަގަށް އެޅުވުމަކީ ރައްޔިތުންގެ މަޖިލީހުންނާއި އިދިކޮޅު ފަރާތްތަކުންނާއި ޕީޕީއެމުން ވެސް ކުރަން ޖެހޭ ކަމެކެވެ.
ނަމަވެސް ބޮޑެތި މަޝްރޫއުތައް ހިންގަން މަޖިލީހުގެ އެހީތެރިކަމަށް އެދުނީމަ ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްދިނުމަކީ ސަރުކާރަށް ކޮށްދޭ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި އާއި މަޖިލިސް މެންބަރުން ރައްޔިތުންނަށްވި ވައުދު ފުއްދުމަށް ކުރިއަށް އަޅުއްވާ ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމުގައި މެންބަރުން ހުރަސް ނޭޅުއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ