ފެނަށް ޖެހުމުގެ މައްސަލަ 2018 ވަަނަ އަހަރަށް ހައްލުވާނެ: މިނިސްޓަރު

ހޫނުމޫސުމުގައި ރާއްޖޭގެ ބައެއް ރަށްތަކުން ބޯފެނަށް ޖެހުމުގެ މައްސަލަ ކުރިމަތިވާތީ 2018 ވަނަ އަހަރުގެ ނިޔަލަށް އެކަމަށް ހައްލު ހޯދައިދޭނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތޯރިގް އިބްރާހިމް މިހެން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި ހޯދިފައިވާ ކާމިޔާބުތަކާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ ރައްކާތެރި ސާފު ބޯފެނާ ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް ރައީސް ޔާމީން ވެވަޑައިގެންފައިވާ ރިޔާސީ ވައުދު 2018 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ހޫނު މޫސުމުގައި ބޯފެނަށް ޖެހޭ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާ ތަކަށް ބަލާއިރު ހޫނުމޫސުމުގައި އެންމެ ބޮޑަށް ބޯފެނަށް ޖެހެނީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތައް ކަަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދެ އަތޮޅުގެ ނުވަ ރަށެއްގައި ފެންތާންގީ ބަހައްޓައި ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކަމަށާއި އަދި އިތުރު 11 ރަށެއްގައި މިމަސައްކަތްތައް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެން އަންނަ އަހަރުވެސް އިތުރު ރަށްތަކެއްގައި މިމަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ މީގެއިތުރުން އަންނަ އަހަރު 14 ރަށެއްގައި ލޮނުފެން މީރުފެނަށް ބަދަލުކުރާ ސިސްޓަމްތައް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި 44 ރަށެއްގައި އަންނަ އަހަރު ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށާއި ނޯވޭ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގެ ނުވަ ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭ މިހާތަނަށް 13 ރަށެއްގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިތުރު ދެރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންކަމުން މިއަހަަރު ނިމޭއިރު ޖުމްލަ 15 ރަށެެއްގައި ނަރުދަމާ ނިޒާމް ގާއިމް ކުރމުގެ މަސައްކަތް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އިއާދަކުރަނިވި ހަކަތަ އުފައްދަން އިންސްޓޯލްކުރެވިފައި ހުރީ ދެ މެގަވޯޓު ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އިތުރު ދެ މެގަވޯޓް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަތަރު މެގަވޯޓް އިންސްޓޯލްކުރަން މިހާރު ބީލަމަށް ލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ތެލަށް ކުރާ ހަރަދު ބޮޑުކަމުން މިއީ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރާ މަސައްކަތްތަކެއް. މިހާރު ޖީޑީޕީގެ މިންވަރުން 23 އިންސައްތަ ތެލަށް އެބަ ހަރަދުކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ކުނީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލުކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރެވި އަދި ބައެއް މަސައްކަތްތައް މިހާރުވެސް ހިނގަމުންދާ ކަމުގައިވެސް ވިދާޅުވި އެވެެ. އެގޮތުން ވިދާޅުވީ ކުނީގެ ގައުމީ ސިޔާސަތެއް އެކުލަވާލެވި އެކަން ތަންފީޒު ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ވެރިރަށް މާލެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އިކްއިޕްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި ކުނީގެ މައްސަލަ ހައްލުކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ނަމުގައި އެމްޑީޕީގެ ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މަސައްކަތް ޖެނުއަރީގައި އަލުން ފެށުމަށް ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުގައި ރަށް ގިރުމާއި އުދައެރުމަކީ ވެސް ކުރިމަތިވާ ބޮޑު މައްސަލައެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް 70 ރަށުގައި އެކި މިންވަރަށް މިމައްސަލަ ކުރިމަތިވާ ކަމުގައި ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން އެންމެ މައްސަލަ ބޮޑު ރަށްތަކަށް އިސްކަންދީގެން އަބަަދުވެސް މިމައްސަލަ ހައްލުކުރަންވެސް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށާއި އަދި ބައެއް ރަށްތަކަށް ރަނގަޅު ހައްލުތަކެއް ހޯދައިދެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް އިތުރަށް ވިދާޅުވީ 2016 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ހަލުވިކޮށް އަދި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ އަހަރު ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިސަރުކާރަށް ފާޑު ކިޔާ ޖެއްސުން ކުރަމުން ދިޔަ ނަމަވެސް މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވެފައިވާ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ