ރިޔާސީ ކޮމިޝަނުން ޣައްސާނުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅަނީ

އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނު ދުވަސްވަރު ހިނގި އެކްސިޑެންޓެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫންގެ އަތުން މީހަކު މަރުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ، ކޮމިޝަނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ޣައްސާނު ނިންމަވައިފި އެވެ.
ޣައްސާންގެ ވަކީލު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ، ޣައްސާނުގެ ބޮލުގައި އަޅުއްވާފައިވާ އެ ތުހުމަތުތަކަކީ، ރިޔާސީ ކޮމިޝަނުގައި ތިއްބަވާ ބަޔަކު، ވަކި މަގްސަދެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ކަމުން ރިޔާސީ ކޮމިޝަނުން ޣައްސާނުގެ އަބުރަށް ހުތުރުވާ ފަދަ ވާހަކަތަކެއް ދައްކާފައިވާތީ، އަބުރުގެ ދައުވާ ކުރުމަށް ވަރަށް އަވަހަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު އަބްދުﷲ ހަސީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވަހީދު ވިދާޅުވީ، މައްސަލަ ކޯޓަށް ވައްދަނީ ހަސީނުގެ އަބުރާ އެއްގޮތަށް އެހެން މީހުންގެ އަބުރަކީ ވެސް ރައްކާތެރިކުރެވެން ޖެހޭނެ އެއްޗެއްކަން އޭނާ އަށް ސާބިތުކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ އަކީ އެއްވެސް ހައިސިއްޔަތެއް ނެތް "އެބައުޅޭ މިބައުޅޭ" މީހެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އިނގިރޭސިވިލާތުގެ ލިވަޕޫލުގައި ހިނގި ކަމަށް ބުނާ އެ އެކްސިޑެންޓަކީ ދުވަހަކު ވެސް ހިނގާފައިވާ އެކްސިޑެންޓެއް ނޫން ކަމަށާއި އެހެން ކަމުން ނުވާ ކަމެއް ސާބިތުކޮށްދޭން ގިނަ ދިރާސާތަކެއް ކުރަން ނުޖެހޭނެ ކަމަށެވެ.
"މިއީ ހިނގާފައި ވާ ކަމަކަށް ނުވާތީ މިކަންތައް އިތުރަށް ދިރާސާ ކުރާކަށް ނުޖެހޭނެ. އެކަމަކު މިކަމާ ގުޅުން ހުރި ކަންތައްތައް އަޅުގަނޑުމެން ބަލާ ނިމޭހާ އަވަހަކަށް މައްސަލަ ކޯޓަށް ހުށަހަޅާނަން،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން މި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރައްޔިތުންގެ މަޖިލީހުގައި މި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރިޔާސީ ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ހަސީނު ވިދާޅުވެފައިވާތީ އެކަން ދޮގުކުރައްވައި ވަހީދު ވިދާޅުވީ އިނގިރޭސިވިލާތުގައި މައްސަލަ ބަލަނީ "ހަސީންގެ އާއިލާގެ ބޭފުޅުން ކަމަށް ވެދާނެ" ކަމަށެވެ. އަދި ދުވަހަކު ވެސް ނުވާ ކަމެއް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ވާހަކަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ހުރުމުން ޖިނާއީ ކުށެއްގެ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ