ޑރ. ހަސަން ހަމީދާއި ޑރ. އަލީ ފަވާޒް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް ވާދަކުރައްވަނީ

ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް ވާދަކުރައްވަނީ މިހާރު ވަގުތީ ގޮތުން އެ މަގާމުގައި ހުންނެވި ޑރ. ހަސަން ހަމީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފު ކަމަށް ޔުނިވަސިޓީން މިއަދު ބުނެފި އެވެ.
ޔުނިވަސިޓީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔުނިވަސިޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ވައިސް ޗާންސެލަރު ކަމަށް އޭގެ ތެރެއިން ބޭފުޅަކު ކަނޑައަޅާނީ ޔުނިވަސިޓީގެ ކައުންސިލުންނެވެ. އެހެން ނަމަވެސް ވައިސް ޗާންސެލަރު ކަމަށް ބޭފުޅަކު ކަނޑައެޅުމުގައި ޔުނިވަސިޓީގެ މުވައްޒަފުންގެ ދޭ މާކްސްގެ 20 ޕަސެންޓް ކައުންސިލުން ގުނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ޔުނިވަސިޓީގެ ސްޓާފުންގެ ސޭ އަކާ އެކު އެ މަގާމަށް މީހަކު ހޮވާނީ. އެކި ފެންވަރުގައި މި މަގާމުގެ ކެމްޕޭނެއް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ. "މިހާރު ތައްޔާރު ވަނީ ޔުނިވަސިޓީގެ މުވައްޒަފުންނަށް ޕްރެޒެންޓޭޝަނެއް ދިނުމަށް. އޭގެ ފަހުން ކައުންސިލުން ގޮތެއް ނިންމާނީ."
ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސެއިން ހަލީމް ވިދާޅުވީ ވައިސް ޗާންސެލަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ޔުނިވަސިޓީގެ ހުރިހާ މުވައްޒަފުންނަށް ދެއްވާ ޕްރެޒެންޓޭޝަން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައި ކަމަށެވެ. އެ ޕްރެޒެންޓޭޝަންގައި ޔުނިވަސިޓީ ތަރައްގީ ކުރުމުގައި ޑރ. ހަސަން ހަމީދާއި ޑރ. ފަވާޒްގެ ތަސައްވަރު ހާމަކުރައްވާނެ ކަމަށް ހުސެއިން ވިދާޅުވި އެދވެ.
"އެ ޕްރެޒެންޓޭޝަނަށް ފަހު މުވައްޒަފުން ވެސް މާކްސް އެއް ދެއްވާނެ. އެކަމަކު ވައިސް ޗާންސެލަރު ކަމަށް ބޭފުޅަކު ކަނޑައަޅުއްވާނީ ކައުންސިލުން. ކައުންސިލްގައި ނަގާ ވޯޓަކުން އެންމެ ފަހުގެ ނިންމުން ނިމިގެންދާނީ،" އޭނާ ވިދާޅުވި އެވެ.
ވައިސް ޗާންސެލަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މައުލޫމާތުތައް ދިރާސާ ކުރުމަށްޓަކައި ކައުންސިލުން ކުޑަ ކޮމެޓީއެއް ނަގާފައިވާ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ ކައުންސިލްގެ ބައެއް ބޭފުޅުންނާއި ޔުނިވަސިޓީން ބޭރުން އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ޔުނިވަސިޓީ ގާނޫނުގައި ބުނެފައިވާ ގޮތުން ވައިސް ޗާންސެލަރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ކައުންސިލުންނެވެ.
ގާނޫނުގައިވާ ގޮތުން ވައިސް ޗާންސެލާ އަކީ ކައުންސިލުން ނިންމާ އުސޫލުތަކާ އެއްގޮތަށް، ޔުނިވަސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާ އެވެ. މީގެ އިތުރުން ކައުންސިލްގެ ނާއިބު ރައީސްގެ މަގާމު އަދާކުރުމާއި ޔުނިވަސިޓީގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމާއި އެތަނުގެ ތަރައްގީގެ މަޝްރޫއުތަކާއި ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތަކާއި ޔުނިވަސިޓީގެ ސިޔާސަތާއި ނިންމުންތައް މީޑިއާ އަށް ދިނުމަކީ ވެސް ވައިސް ޗާންސެލަރުގެ ޒިންމާ އެކެވެ. އަދި ޔުނިވަސިޓީ ތަމްސީލު ކުރުމާއި އެތަން ތަރައްގީ ކުރުމުގެ އެންމެހާ ވަސީލަތްތައް ހޯދުމަކީ ވެސް ވައިސް ޗާންސެލަރުގެ ޒިންމާއެއް ކަމަށް ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ