މެމްބަރު އަރީފަށް ފިޔަވަޅު އަޅަން ހުށަހަޅައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
އެމްޑީއޭ އިން ބުނީ އަރީފު ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފައި ވުމާއި ޕާޓީ ތަމްސީލް ކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ކޮމެޓީ ބައްދަލުވުން މިއަދު ބާއްވާނެ ކަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ނެރޭ ވިޕްލައިނާ ހިލާފުނުވުމަށް އެމްޑީއޭ އިން ވަނީ އަރީފަށް މީގެ ކުރިން ނަސޭހަތްތެރިވެ، އޭނާއަށް އިތުރު ފުރުސަތެއް ދޭން ނިންމައިފަ އެވެ.
އަރީފަކީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ އެމްޑީއޭގެ ހަމައެކަނި މެމްބަރެވެ. އެ ގޮތުން ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ހިޔާލު ފާޅުކުރުން ނިގުޅައިގަތުމަށް ފާސްކުރި ބިލާއި ކޮމަންވެލްތުގެ މެމްބަރު ކަމުން ވަކިވާން ނެގި ވޯޓުގައި ވެސް ސަރުކާރާ ދެކޮޅަށް އޭނާ ވޯޓު ދެއްވި އެވެ.
އަރީފަކީ މިހާރު ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާކަން ހާމަކޮށް، މައުމޫން ބާއްވަވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ފަހަކަށް އައިސް މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ އަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅުމަށް ސޮއި ވެސް ކުރައްވާފަ އެވެ.
އެމްޑީއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާލެމެންޓްރީ ކައުންސިލުން ނިންމާ ނިންމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހަޅަން ޖެހޭއިރު، އެ ކޮމެޓީ އަށް ނަސޭހަތްތެރިވުމާއި، އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ކޮމެޓީ އަށް ލިބެ އެވެ. ނަމަވެސް ކޮމެޓީން ނިންމާ ނިންމުން ތަންފީޒު ވާނީ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.
އަރީފަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް ގޮނޑި އަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޕީޕީއެމަށް ވެސް ސޮއިކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ