މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ކުރިއަށް އޮތް ދެ އަހަރުގެ ވެސް ރައީސް ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ އަހުމަދު ޒާހިރު (ހިރިގާ) ހޮވައިފި އެވެ.
މި މަގާމަށް، ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ ހޮވިވަޑައިގަތީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އާންމު ބައްދަލުވުމުގައި ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އޭނާ ކަމަށް ވާތީ އޮޓަމެޓިކުންނެވެ.
އެމްޖޭއޭގެ ހިންގާ ކޮމެޓީގެ އިސް މަގާމުތަކުގެ ތެރެއިން މިދިޔަ ދައުރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަލީ ޝަމްއާން ވެސް ވަނީ އެއްވެސް ބޭފުޅަކާ ވާދަކުރެއްވުމެއް ނެތި ހަމަ އެ މަގާމަށް އިންތިހާބުވެފަ އެވެ. އަދި ބަޖެޓް ސެކްރެޓަރީ ކަމަށް ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމް ވެސް އެ މަގާމަށް ވަޑައިގަތީ އެހެން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައި ނުވާތީ އާންމު މެމްބަރުންގެ ވޯޓެއް ނުނަގަ އެވެ.
ހިންގާ ސެކްރެޓަރީއަކަށް ހޮވިވަޑައިގަތީ ސަން އޮންލައިންގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމެވެ. އޭނާއާ ވެސް އެއްވެސް ބޭފުޅަކު ވާދައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް އާންމު ދެ މެމްބަރު ކަމަށް ހަވީރުގެ އަލީ ޔޫސުފާއި ސަން އޮންލައިންގެ ހަސަން ހުސެއިން ހޮވުނީ ދިޓީވީގެ މުހަންމަދު އަމީނާ ވާދަކުރެއްވުމަށް ފަހު އެވެ.
މީގެ ދެ އަހަރު ކުރިން އުފެއްދި ނޫސްވެރިންގެ ޖަމިއްޔާގެ ކޮންމެ އިންތިހާބީ ދައުރަކީ ދެ އަހަރެވެ. ބައެއް ނޫސްވެރިން ހާޒިރުވި މި ބައްދަލުވުމުގައި އަހަރީ ރިޕޯޓާއި ބަޖެޓް ރިޕޯޓް ހުށަހެޅުން ވެސް އޮތެވެ. އެމްޖޭއޭއިން ބުނީ ކުރިއަށް އޮތް ދައުރު ވެސް މުހިންމު ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށާއި ޖަމިއްޔާ ވަރުގަދަ ކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ނޫސްވެރިންގެ ހައްގުގައި އެމްޖޭއޭ އިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
ކުރިއަށް އޮތް ދައުރު ވެސް އެމްޖޭއޭގެ ރައީސް ކަމަށް ހިރިގާ އަހުމަދު ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ