ޔާމީން 2018 ފުޓްސަލް ޗެލެންޖް ފޭދޫގައި ފަށައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ)ގެ އިސްނެގުމާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޒުވާނުންނަށްޓަކައި ކޮށްދެއްވަމުންދާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން “ޔާމީން 2018 ފުޓްސަލް ޗެލެންޖް” ގެ ނަމުގައި އައްޑޫ ސިޓީގައި ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.
ޔާމީން 2018 ފުޓްސަލް ޗެލެންޖް ފެށުމަށް ރޭ އައްޑޫ ސިޓީ ފޭދޫ ފުޓްސަލް ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ރަސްމީ ލަވަ ވެސް ލޯންޗްކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ނައޯނާ ސްޓްރީޓް އެފްސީ އާއި ރޮޗެސްޓާ އެވެ. މިމެޗު 4-1 ލަނޑުން ކާމިޔާބުކުރީ ނައޯނާ ސްޓްރީޓް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނައޯނާ ސްޓްރީޓްގެ އަހްމަދު އިބްރާހިމް އެވެ.
އިއްޔެ ފެށުނު މިމުބާރާތުގައި ޖުމްލަ 15 ޓީމް ބައިވެރިވެފައިވާއިރު، އެޓީމްތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނައޯނާ ސްޓްރީޓާއި، ރޮޗެސްޓާއާއި، ޒެޕިއާ މައްޓޭ އަދި ޗެމްޕިއަން ޓީމެވެ.
ގްރޫޕް ބީގައި ހިމެނެނީ ޔުނައިޓެޑް ފޭދޫއާއި، ސްކަލް ސިޓީއާއި، އަބާނީ އަދި ހަފުސް އެވެ. ގްރޫޕް ސީގައި އެފްސީ އެމްޕީ، އެފްއާރްޓީ، މައިލޯ ސިޓީ އެފްސީ އަދި ޑީސީ ސްޕޯޓްސް ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ މޯނިންގް ސްޓާ އެފްސީ، އެފްސީ ޒިރަފޮން އަދި ގޯދިޔާ އެވެ.
މިމުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މުބާރާތް ކުރިއަށްދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ބޮޑު އެއްބާރުލެއްވުމަކާއެކުގައި ކަމަށެވެ.
ޔާމީން 2018 ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު މިމަހުގެ 22 ވަނަ ދުވަހު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ