އެމްޑީޕީގެ ދަޅަތަކުގައި ޖެހޭނެ ކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއް - އުމަރު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަޅަތަކުގައި އޭނާ ޖެހިވަޑައިގަންނަވާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައިއެވެ.
"އަނިިޔާ އާއި ދެކޮޅަށް ދިވެހިން" މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އާއި ގުޅިގެން ފަށާފައިވާ ހަރަކާތުގައި ހޯމް މިނިސްޓަރު ވަރަށް އަވަހަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އިމްރާން ރޭ ބޭއްވި އެއްވުމުގައި ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު ގައިގައި ހިނގަނީ "އަޅުގަނޑުމެންގެ ލޭ" ކަމަށާއި ދާދި އަވަހަށް އުމަރު ނަސީރު ވެސް ހަރަކާތާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އުމަރު ސަރުކާރުގައި ބަހައްޓަވާފައި ހުންނަވަނީ، އޭނާގެ އަބުރު ނަގާލައި ރައްޔިތުން ކުރާ ތާއީދާއި ލޯބި ދުއްވާލުމަށް ކަމަށް ވެސް އިމްރާން ތުހުމަތުކުރެއްވިއެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ދަޅަތަކުގައި ޖެހިވަޑައިގަންނަވާނެ ކަމަށް އެއްވެސް ރަށްޓެއްސަކު" ގަބޫލުކުރުމަކީ ކުށްހީއެއް ކަމަށެވެ.
އަދި 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅު ހުުރިހާ ފަރާތްތަކަކުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމުމުން، އެކަމާ އޭނާ ދެކޮޅު ހެއްދެވުމަކީ އޭގެ ހެއްކެއް ކަމަށާއި އެ ނިންމުން ރަނގަޅުކަން ފަހުން ސާބިތުވި ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ޖޭޕީން އޭނާ ވަކިވެވަޑައިގަތީ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއާ އެކު އެ ޕާޓީން މަސައްކަތްކުރަން ފެށުމުންނެވެ. މިއަދާއި ހަމައަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ