ނަޝީދުގެ ސަބަބުން މުޅި ކޯލިޝަން އަށް ގެއްލުން ވެދާނެ - ގާސިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން އިދިކޮޅު ކޯލިޝަން އަށް ގެއްލުން ވެދާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމަށް ނިސްބަތް ކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިދިކޮޅު ކޯލިޝަން ކެމްޕެއިންގައި އެއްވެސް ގައުމެއްގެ ނަން ކިޔައި އެ ގައުމަކަށް ތުހުމަތުކޮށްގެން ވާނީ ބޮޑު ގެއްލުމެއް ކަމަށެވެ.
"ދީނީ އިލްމުވެރިންނާއި ހައްދުފަހަނައަޅާ މީހުންނާ ގުޅުވައިގެން ޖެހިގަތީމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ , ވިސްނާ ނުލާ ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެމްޕެއިނަށް އޭގެ ގެއްލުން ވެދާނެ" ގާސިމް ވިދާޅުވި އެވެ.
13 އަހަރުގެ ޖަލުހުކުމަކަށް ފިއްލަވައިގެން އުޅުވާ ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ކަނޑައަޅައިފައިވާ ޑރ.ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.
މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.
އެހެންނަމަވެސް، މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓަށް ގިނަ ބަޔަކު ރައްދުދީ ފާޑުކިޔަމުންދާއިރު ބައެއް އިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކޮށް ޓުވީޓް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ