ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލުމުން ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުއްވަޒަަފަކަށް ދަޢުވާކޮށްފި

1 ފެބުރުއަރީ 2018 ގައި ދިވެހިރާްއްޖޭގެ ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައި ވާތީ، ދިއްދޫ ކައުންސިލްގެ ރައީސާއި އެކައުންސިލްގެ އިތުރު ދެމެމްބަރުންނާއި އިދާރީ މުވައްޒަފަކަށް ދަޢުލަތުން ދަޢުވާކޮށްފިއެވެ.
ދައުލަތުގެ ފަރާތުން މިމައްސަލަ ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބުދަ ދުވަހު ހުށައަޅާފައި ވާއިރު، މައްސަލަ ރައްދުވާ ފަރާތްތަކަށް މިރޭ ވަނީ ޗިޓު ފޮނުވާފައެވެ. ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ދިއްދޫ ކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނާއި ގުޅިގެން ދައުވާކުރަނީ ދިއްދޫ ކައުންސިލްގެ ރައީސް އަލީހާޝިމާއި، ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމާއި، ކައުންސިލް މެމްބަރ ޒުހުރާގެ އިތުރުން، ދިއްދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔަކަށް އޭރު ހުރި އަބުދުﷲ މަތީނަށެވެ.
މިމައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރުމަށް ބޭނުންވާތީ، މާދަމާ މެންދުރުފަހު 14:00ށް ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވުމަށް އަންގައި ބުދަ ދުވަހުގެ ރޭ ވަނީ ޗިޓު ފޮނުވާފައެވެ.
މިމައްސަލައިގައި ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމާއި ދެކޮޅަށް 3 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި، އެނގި ހުރެ ސައްޙަނޫން ލިޔުންގެ ތެދުކަން ދެއްކުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅިކަމަށް ބުނެ ކުރާ ދައުވާއެެވެ.
މިމައްސަލައިގައި ދިއްދޫ ކައުންސިލްގެ 3 މެމްބަރުންނަށް ދައުވާ ކުރަން ކޯޓަށް ހުށައަޅާފައި ވާއިރު އަނެއް ދެ މެމެބަރުންނަށްް ދައުވާ ކުރާކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މީގެ ކުރިން އެނޫސް ބަޔާން ނެރުނު މައްސަލައިގައި އެލްޖީއޭއިން ދިއްދޫ ކައުންސިލް މެމްބަރުން 1 މަސްދުވަހަށް ސަސްޕެންޑް ކުރިއެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި ނޫސްބަޔާން ނެރުނު ހުރިހާ ކައުންސިލެއްގެ ކައުންސިލަރުންވެސް މުސާރަ ނުލިބޭ ގޮތަށް އެލްޖީއޭއިން މީގެ ކުރިން ސަސްޕެންޑް ކުރިއެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންނާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން މިނިވަންކޮށް، އަދި ސަރުކާރުން ގޮނޑި ގެއްލުނުކަމަށް ބުނަމުންދިޔަ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ބަޔާންކޮށް ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ވަރަށް ގިނަ ކައުންސިލްތަކުން ބަޔާންތައް ނެރުނެވެ.
ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުރާޅުމަތިން ސިފައިން ވަދެ އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކޮށް ސަރުކާރުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގެ ޙުކުމަށް ވަނީ ބަދަލުތައް ގެނެސް ފައެވެ. މިގޮތުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި ބުނެފައިވާތީ ބަންޑާރަ ނައިބު ވަނީ އަމުރުގެ އެބައި އިސްތިއުނާފަށް ހުށައަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ