މެމްބަރު ރިޒާގެ އެކައުންޓްތައް ފުރީޒުކޮށް ދައުވާކުރަން ނަވާނަވައިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެމްބަރު އަހްމަދު ރިޒާގެ ރިޒް ކޮންސްޓްރަކްޝަންއިން ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ރިޒާގެ އެކައުންޓްތައް ފްރީޒްކޮށްގެން ނަމަވެސް މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ފައިސާ ސަރުކާރުން ދިނުމަށް ނަވާނަވައިއިން ގޮވާލައިފި އެވެ.
މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ބިދޭސީން ވަނީ، ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީން ކޮށްފައެވެ. ފުލުހުން ވަނީ އެ ދިވެހިން ސަލާމަތްކޮށް، މިކަމާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށްފައެވެ.
އެކަމާ ގުޅިގެން ނަވާނަވައިން ކަންބޮޑުވުން ފާޅުކޮށް ނެރެނު ބަޔާނެއްގައި ބުނީ، ބިދޭސީންނަށް އުޖޫރަ ނުދީ އިންސާނީ ހައްގުތައް އަރައިގަނެ މިނިވަންކަން ނަގާލުމަކީ އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ވެސް އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ.ބިދޭސީންތަކަކަށް އެ ހާލު ޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށާއި އަލީ ރިޒާގެ އެކައުންޓްތައް ވެސް ފްރީޒްކޮށް އޭނާގެ މުދާ ދައުލަތަށް ނަގައިގެން ނަމަވެސް މުސާރަތައް ދޭން ޖެހޭ ކަމަށެވެ. އަދި އެއަށްފަހު އޭނާއަށް ދައުވާކުރަން ޖެހޭ ކަމަށެވެ.
ރިޒާ މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ރަށުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށެވެ.
މުސާރަ ނުލިބޭ އެ މަސައްކަތްތެރިންނަށް މުސާރަ ހޯދައިދިނުމަށް ގާނޫނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ މިހާރު ފަށާފައެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ ޓީމެއް އިއްޔެ ބޮޑުފިނޮޅަށް ގޮސް، އެތަނުގެ މުވައްޒަފުންނާ ވަނީ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ