ޔާމީން އަތުން ފަސް މިލިއަން ހޯދަން އޭޖީ ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމާ އެއްގޮތަށް މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާތީ ބަންޑާރަ ނައިބު ކޯޓަށް ދިޔުމަށް ނިންމަވައިފި އެވެ.
އެއް މިލިއަން ޑޮލަރު، ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމާއެކު ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައި އޮތީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ. އެކަމަށް ދީފައި އޮތް މުއްދަތު މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާއިރު އެކަން ނިމުމާއެކު މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުންނަވައިގެން ފަސް މިލިއަން ޑޮލަރު ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރު ހައިކޯޓުގައި ކުރިއަށްދެ އެވެ. އިއްޔެ ވެސް އެ މައްސަލާގެ އަޑުއެހުމެއް އޮތެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސްގެ މައްޗަށް ކުށް ސާބިތުވި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ