ފަނޑިޔާރުން މައްސަލަ ނިންމާ ގޮތް ބެލުމުގެ އިޚުތިޞާޞު ލިބިފައިނުވާ ޖޭއެސްސީއަށް ފަނޑިޔާރަކު މައްސަލައެއް ނިންމެވި ގޮތް ބެލުމަށް ހުށަހެޅުމަކީ ފަނޑިޔާރުންނަށް ބިރުދެއްކުން ކަމުގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ޑީޑީ ވިދާޅުވެއްޖެއެވެ. ޑރ.އަޙްމަދު މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާޠިލުކުރުމުން، އެމައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވަން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ނިންމަވާފައިވާތީއެވެ. މިކަމާ ގުޅިގެން ޑރ.އަޙްމަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅޭ ކަންކަން ބެލުމުގެ އިޚުތިޞާޞެއް ޖޭއެސްސީއަށް ލިބިފައިނުވާ ކަމުގައެވެ. ޑރ.އަޙްމަދު ފަނޑިޔާރުގެ މަޤާމުން ވަކިކުރުމަށް ނިންމި ނިންމުމުގައިވެސް ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަ ހިމަނާފައިވާތީ، އެފަދައިން ފަނޑިޔާރުން ބައްލަވައި ނިންމަވާ މައްސަލަތައް ސުލޫކީ މައްސަލައިގެ ގޮތުގައި ބެލުމަކީ ފަނޑިޔާރުންގެ މިނިވަންކަން ގެއްލޭ ކަމެއް ކަމުގައި ޑރ.އަޙްމަދު އެއިރު ނެރުއްވި ބަޔާންތަކުގައި ފާހަގަކުރެއްވިއެވެ. އަދި ޕީޖީ ޝަމީމުގެ ނިންމެވުމަށް އިޝާރާތްކުރައްވައި ޑރ.އަޙްމަދު ވިދާޅުވީ ފަނޑިޔާރެއްގެ ޤަޟާއީ ނިންމުމަކަށް ފާޑުކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިޚުތިޞާޞު ނެތް ސިޔާސީ މުއައްސަސާއަކަށް އެމައްސަލަ ހުށަހެޅުއްވުމަކީ ޕީޖީ ވަކި ފަރާތަކަށް ބުރަވެވަޑައިގެންފައިވާ ކަމުގެ ދަލީލެއް ކަމުގައެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލެއް ކަމުގައިވެސް ޑރ.އަޙްމަދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ "ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ޙުކުމަކާ ގުޅިގެން، ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފުގެ އުޞޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭ ގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންވެފައިވާ އުޞޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ" ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގާޒީ މައްސަލަ ނިންމެވި ގޮތް ބަލަން ޖޭއެސްސީއަށް ހުށަހެޅުމަކީ ފަނޑިޔާރުންނަށް ބިރުދެއްކުން: ޑރ.އަޙްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ