ރައީސް މައުމޫން: 1990 ން މިއަދާއި ހަމައަށް ވެސް ލިވަޕޫލާއެކު!

30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަމުގެ ތަށި އުފުލާލި ލިވާޕޫލުން ރޭ ޗެލްސީ އާއި ވާދަކޮށް 3:5 ން ކާމިޔާބު ހޯދުމުން، އެތައް އަހަރެއް ވަންދެން އެޓީމަށް ސަޕޯޓުކުރާ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެކްލަބަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ލިވާޕޫލަށް ރައީސް މައުމޫންް ސަޕޯޓު ކުރައްވާކަމީ އެއްވެސް މީހަކަށް ސިއްރުވެފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެކްލަބަށް އެމަނިކުފާނު ސަޕޯޓު ކުރައްވާތާ މިހާރު 60 ވަރަކަށް އަހަރު ވެދާނެއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ކުރިން ޓީވީއިން މެޗުތައް ބެލެން ނެތުމުގެ ސަބަބުން، އެމަނިކުފާނު މެޗުތައް އަޑުއެއްސެވީ ރޭޑިއޯއިންނެވެ.
ލިވާޕޫލަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުލަބުން ޕްރިމިއާޝިޕް ކާމިޔާބު ކުރުމުން ކުޅުންތެރިންނާއި، ކޯޗިންގް ސްޓާފާއި ސަޕޯޓަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"1990 ވަނަ އަހަރުވެސް އަޅުގަނޑު ހުރީ ލިވަޕޫލާ އެކު، މިއަދުވެސް މިހުރީ ހަމަ އެގޮތުގައި." ރައީސް މައުމޫން ވިދާޅުވި އެވެ.
މިއީ ލިވާޕޫލުން ލީގް ކާމިޔާބު ކުރި 19 ވަނަ ފަހަރެވެ. އެންމެ ގިނައިން ލީގް ކާމިޔާބު ކުރުމުގެ ރިކޯޑު އޮތީ މެންޗެސްޓާރ ޔުނައިޓެޑް އަތުގައެވެ. އެކްލަބުން 20 ފަހަރު ލީގް ކާމިޔާބު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ