މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ސަރުކާރުގެ އެހީ

ކޯވިޑް-19 ގެ ސަބަބުން މާލޭގައި ދިރިއުޅެން ދަތިވެފައިވާ އާއިލާތަކަުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ.އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އައިޝާ އެކަމަނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ މިއުނދަގޫ ހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު މިހާލަތުގައި އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ފެސްބުކްގައި ކުރެއްވި ޕޯސްޓް
އެގޮތުން އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓު ކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމުތައް ވެސް ޖެންޑާ މިނިސްޓްރީ އިން ވަނީ ފޯރުކޮށްދެއްވާފައެވެ.
މީގެ އިތުރުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ހޯދައިދިނުމުގައި ވެސް ޖެންޑާއިން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ