2018 ވަނަ އަހަރާ ހަމައަށް ހައްޖަށް ދިއުމުގެ ޖާގަ ފުލްވެއްޖެ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުގައި ރެޖިސްޓްރީވެ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބަށް ބަލާއިރު އަންނަ އަހަރާއި 2017 ވަނަ އަހަރަށް ޖާގަ ހަމަވެފައިވާ ކަމަށާއި މިހާރު ފައިސާ ބަލައިގަންނަނީ 2018 އަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ. ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް ފައިސާ ދައްކާފައިވާ ތަރުތީބަށް ބަލާއިރު ކުރިއަށް ދެ އަހަރަށް ވެސް ޖާގަ ހަމަވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް މިހާރު ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ އަހަރު އަންގައިދޭ ލިސްޓު މިހާރު ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ. ލިސްޓު ތަރުތީބު ކުރިއިރު ބަލާފައި ވާނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން ފައިސާ ދެއްކި އިރު ޖުމްލަ އަގުއެއްކޮށް ދައްކާފައިވާ ފަރާތްތަކާއި ޖުމްލަ އަގުގެ 75 ޕަސެންޓު ދައްކާފައިވާ ފަރާތްތައް ލިސްޓުގައި ހިމަނާފައިވާނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ. "ކޯޓާއަށް އަންނަ ބަދަލަކުން ޖާގަ ލިބޭ އަހަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެގޮތުން ވަކި އަހަރަކަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައި ވަނިކޮށް ކޯޓާ އިތުރުވުމާއި ގުޅިގެން ޖާގަ ލިބޭ އަހަރު އަވަސްވުމުގެ ފުރުސަތު އޮއްނާނެ. ހައްޖުވެރިއާ ބޭނުންނަމަ ފުރުސަތު ދޫކޮށްލައި ވިދިގެން އަންނަ އަހަރު ހައްޖަށް ދިޔުމަށް ފަސްކުރެވިދާނެ،" ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ. ސައުދީ އަރަބިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިދިއަ މާޗު މަހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ވިދާޅުވީ ހައްޖަށް ދިއުމަށް ރާއްޖެއަށް އިތުރު 1000 ކޯޓާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް މިހާރު ޖުމްލަ 2000 ކޯޓާ އަހަރަކަށް ދޫކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ