ރާއްޖެއާ ދިމާލަށް ދެ ކޮޅިގަނޑެއް، ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ގޯސްވާނެ

ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާ ބަންދުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ މައި އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ތޫފާން ހުޅަނގަށް ދަތުރުކޮށް އަންނަ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އޮފީހުން ބުނީ މި ކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާ ބަންދު ތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
"މި ނިޒާމުތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެ ކަމަށް ބެލެވޭ އަސަރުތައް މި އޮފީހުން އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމު ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ،" މެޓް އޮފީހުން ބުންޏެވެ.
އިއްޔެ އާއި މިއަދުވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައެވެ. މެޓް އޮފީހުން ވަނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ