މޫސުން ގޯސްވުމުން، ހޯރަފުށީ އެއާޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ.
ދޮޅުއަހަރު ދެރޭގައި ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓް ހުޅުވުމަށް ކުރިން ނިންމީ މިއަދުއެވެ. އިއްޔެވަނީ އެރަށު އެއާޕޯޓައް ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ.
ހޯރަފުށީ އެއަރޕޯޓު ހުޅުއްވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހޯރަފުށްޓަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ރައީސްގެ ދަތުރުފުޅު މިހާރު ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
އެއާޕޯޓު ރަސްމީކޮށް ހުޅުވުން މިހާރު ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހއ އިން ފެށިގެން ކ. އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއު ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މިމަޝްރޫއުގެ ދަށުން، 37،425 އަކަމީޓަރުގެ ރަންވޭއެއް ހެދުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ހެދުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ގާއިމުކުރުމާއި، ފަސިންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ