ޖަމްޝީދާއި ޓޫފޯއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބް

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލައިގައި ހައި ކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފިއެވެ. ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެއާއެކު ފުލުހުންގެ އިސް ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރިއިރު ދެ އޮފިސަރުން ކަމަށްވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ޖަމްޝީދާއި އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހެވެ. އޮފިސަރުން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ބުނެއެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރި ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ޖަމްޝީދާއި ޓޫފޯގެ ފަރާތުން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ. ހައި ކޯޓުގައި ދެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ވީ ނާކާމިޔާބެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވެސް ނިންމާފައިވަނީ ދެ އޮފިސަރުންނާ ދެކޮޅަށެވެ. އެއީ ހައި ކޯޓުގެ އަމުރަށް ތާއީދު ކުރުމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއެވެ. ތިން ފަނޑިޔާރުންގެ އިއްތުފާގުން މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ, ހައި ކޯޓުގެ އަމުރަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރަކާ ހިލާފަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. ދެ އޮފިސަރުންގެ ފަރާތުން އެދިފައިވަނީ ވަގުތީ އަމުރަކަށްވީ ނަމަވެސް ޖަމްސީދާއި ޓޫފޯ ވަކިކުރުމުގެ ނިންމުން ބާތިލް ކުރުމަކީ އަސްލު މައްސަލަ ނިމުމުގެ ކުރިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ދެން ވަޒީފާއިން ވަކިކޮށްފައިވަނީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ