އޭސީސީގެ މައްޗަށް ނެކްސްބިޒްއިން ކުރާ ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށައިފި

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިއެންޓިކޮރަޕްޝަން އިން މިހާރު ގާއިމުކޮށްފައިވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހުއްޓާލަން އެންޓިކޮރަޕްޝަން ކޮމިޝަނަށް އެންގޭނެ ކަމަށް ހައިކޯޓުން ކޮންފައިވާ ހުކުމް ނެކްސްބިޒް ކުންފުނިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެމައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.
ސުޕްރީމް ކޯޓްގައި މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުމުން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ހައިކޯޓުގައި ހުކުމްގައި އިމިގްރޭޝަން ޑިޕާޓްމަންޓާއި ނެކްސްބިޒް ކުންފުނިން ވެފައިވާ އެއްބަސްވުން އުވާލަން އެންގޭނެކަމަށް ވިދާޅުވެފައިވާ ކަމަށާއި އެއީ އޭސީސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރުގެ ދަށުން ކަމަށާއި އަދި އޭސީސީއަށް ކޮރަޕްޝަން ހުއްޓުވުމުގެ ބާރަކީ ކޮރަޕްޝަންގެ އެންމެ ތަނަވަސް މާނާގައި ކޮރަޕްޝަނާއި ކޮރަޕްޝަނާއި ގުޅޭ ގާނޫނުތަކުންނާއި ގާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ)ގެ ސަރީހް ނައްސުން ލިބިގެންވާ ބާރެއްކަމަށެވެ. އަދި އެ އެންގުމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން އަމަލު ކުރަންޖެހޭނެ ކަމަށް ހައިކޯޓުގައި ހުކުމުގައިވާކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހުސްނުއްސުއޫދު ވިދާޅުވީ ހައިކޯޓުން އެގޮތަށް ހުކުމް ކުރިކަމުގައިވިޔަސް ސަރުކާރުގެ ނުވަތަ ދައުލަތުގެ އެއްވެސް އެއްބަސްވުމެއް ބާތިލް ކުރުމަށް އޭސީސީއަށް ނުއެންގޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމަވާފައިވާ ކަމަށެވެ. އަދި ހައިކޯޓުން ފާހަގަ ކޮށްފައިއެވަނީ އޭސީސީގެ ގާނޫނުގެ އެއްބައި ކަމަށާއި އޭސީސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަމްބަރުގައިވަނީ ކޮރަޕްޝަނުގެ އަމަލެއް އެއްވެސް ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ހިންގައިފިނަމަ އެމައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ހުށަހެޅުމަށެވެ.
އަދި އެކިއެކި މުއައްސަސާތަކުން އެއްބަސްވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުގެ ބާރު އޭސީސީއަށް ލިބިގެންވާނަމަ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން އިންވެސްކުރަން ޖެހިލުންވެ ރާއްޖެ އިގްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
އޭސީސީގެ ފަރާތުން ވަޑައިގެންނެވި ގާނޫނީ ވަކީލު ރައްދު ދެއްވަމުން ވިދާޅުވީ ހައިކޯޓުގެ އަމުރަކީ ބާތިލް އަމުރެއް ނޫން ކަމަށާއި އެ އަމުރު ބާތިލު ކޮށްފިނަމަ އޭސީސީއަށް ލިބިގެންވާ ބާރުތައް ހަނިވެގެންދާނެކަމަށެވެ. އަދި އެއީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އޭސީސީން ކުރަމުންދާ މައްސަކަތަކަށް ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއްކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އޭސީސީން ކުރަމުންދާ މަސައްކަތް ހުއްޓުވުމަކީ ނުވަތަ އޭސީސީގެ މަސައްކަތަށް ދަތިވާގޮތަށް އަމަލުކުރުމަކީ ރާއްޖެ ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަން އެގެއިންސްޓް ކޮރަޕްޝަންގެ މުއާހަދާއާވެސް ހިލާފުކަމެއްކަމަށެވެ. އަދި ރާއްޖެއަކީ ކޮރަޕްޝަން ބޮޑު ތަނެއްގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް ފާހަގަ ކުރެވޭނަމަ އިންވެސްޓަރުން އިންވެސްޓް ކުރަން ޖެހިލުންވާނެ ކަމަށާއި އެކަމުން ރާއްޖެއަށް އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.
މިއަދު އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މިމައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ގާތްގަޑަކަށް ތިން ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ