"ފިނި ހަވީރު" ވާހަކަ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލައިފި
ރޯދަ މަހު "ހަވީރު"ން ބާއްވާ ކުރުވާހަކަ މުބާރާތް "ފިނި ހަވީރު" ގެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލައިފި އެވެ. ކިޔުންތެރިންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ، އެއްވަނަ ވާހަކަ އަށް 10،000ރ. ލިބޭ މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދާއި ހަވީރުގެ އެޑިޓަރު އަދި ވާހަކަ ލިޔުންތެރިޔާ މޫސާ ލަތީފާއި ހަވީރުގެ ޒުވާން ލިޔުންތެރިޔާ އަހްމަދު ނަދީމެވެ. "ހަވީރު"ގެ އޮފިޝަލަކު ވިދާޅުވީ މި ޕެނަލް އެކުލަވާލާފައި ވަނީ ވާހަކަ ލިޔުމުގެ އެކި ސްޓައިލްތަކަށް، ތަފާތު ހިޔާލުތަކާ އެކު އިންސާފުކުރެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ. "ވާހަކަ ހުށަހަޅަން ޝައުގުވެރިވެގެން ވަރަށް ގިނަ މީހުން އަންނަނީ މައުލޫމާތު ސާފުކުރަމުން. އެހެންވެ އެކި ސްޓައިލްގެ ލިޔުންތެރިންގެ ވާހަކަތައް ލިބޭނެ ކަމަށް އުންމީދު ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ. ވާހަކަ އަށް މާކްސް ދިނުމުގައި ބަލަނީ ހުށަހަޅައި ދިނުމާއި ކޮންސެޕްޓާއި ތަފާތު ކަމާއި ޝައުގުވެރިކަން ހިފެހެއްޓުމަށެވެ. މި ހުރިހާ ކަމަކަށް 50 ޕަސެންޓް މާކްސް ލިބޭއިރު އަނެއް 50 ޕަސެންޓަކީ ކިޔުންތެރިންގެ ޝައުގުވެރިކަމުގެ މައްޗަށް ބިނާކުރާ މާކްސް އެވެ. އެއީ ސޯޝަލް މީޑިއާގައި ވާހަކަ ޝެއާކުރާ އަދަދެވެ. އޮފިޝަލް ވިދާޅުވީ ޝެއާކުރުމަށް 50 ޕަސެންޓް މާކްސް ދިން ނަމަވެސް، ޝެއާކުރަން އާންމުންގެ ތެރެއަށް ދޫކޮށްލާނީ ޖަޖުންގެ ޕެނަލުން ހުށަހަޅާ އެންމެ ރަނގަޅު 30 ވާހަކަ ކަމަށެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ޝެއާކުރަން ފުރުސަތު ލިބޭނީ "ހަވީރު"ގައި ޝާއިއުކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގަ އެވެ. "އަޅުގަނޑުމެން ޝާއިއު ކުރާނީ 30 ވާހަކަ. އެއީ ރޯދަ މަހުގެ ކޮންމެ ދުވަހަކަށް ވާހަކައެއް. އެ ވާހަކަތައް މި ކަނޑައަޅަނީ ފަނޑިޔާރުން. ވަނަ ހޮވާއިރު ބަލާނީ އެ ވާހަކައެއް އޮންލައިންގައި ޝާއިއު ކުރުމަށް ފަހު ފަސް ދުވަސް ތެރޭ ކިހާ ވަރަކަށްތޯ ސޯޝަލް މީޑިއާގައި ޝެއާކޮށްފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ. މުބާރާތުގެ އެއް ވަނަ ވާހަކަ ލިޔުންތެރިޔާ އަށް "ހަވީރު" ގައި ވާހަކަ ލިޔުމުގެ ފުރުސަތު ދޭނެ އެވެ. މުބާރާތަށް ވާހަކަ ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ކޮންމެ މީހަކަށް ބައިވެރި ކުރެވޭނީ އެއް ވާހަކަ އެވެ. ވާހަކައިގެ ދިގުމިން ވާންޖެހޭނީ 1،000-1،300 ބަހާ ދެމެދެވެ. މުބާރާތުގައި އެއް ވަނައިގެ އިތުރުން ދެވަނަ އާއި ތިން ވަނަ ހޮވައި، އިނާމް ދޭ ގޮތަށް ވެސް ހަމަޖެހިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ