ވިލާ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި
ވިލާ އެއާ އަށް ކުއްޔަށް ދީފައިވާ ގދ. ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރުން ދީފައިވާ ނޯޓިސް އަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ. އެ ކޯޓުން ވަގުތީ އަމުރެއް މި ނެރުނީ އެއާޕޯޓް ވިލާ އަތުން ނެގުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ވިލާ އިން ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރަކަށް އެދިފައިވާތީ އެވެ. ސިވިލް ކޯޓުގެ އަމުރުގައި ވަނީ ވިލާ އެއާ އިން ކޮށްފައިވާ ދައުވާއާ މެދު ގޮތެއް ކަނޑައަޅަންދެން އެގްރިމެންޓް ބާތިލްނުކޮށް މަޑުކުރުމަށެވެ. ކުރިން އައިލެންޑް އޭވިއޭޝަނުން ހިންގަމުން ދިޔަ ކާޑެއްދޫ އެއާޕޯޓް، ވިލާއާ ހަވާލުކުރީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުގައި، 50 އަހަރަށް ކުއްޔަށް ދިން މި އެއާޕޯޓްގެ އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފު ކަންތައްތަކެއް ހުރުމުން ކަމަށް ސަރުކާރުން ބުނެ އެވެ. ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް އަތުލަން ޖެހުނީ ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންކަން އެއްބަސްވުމާ އެއްގޮތަށް ކޮށްފައި ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ