ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ: އާޒިމ

ސުޕްރީމް ކޯޓްގައި މައްސަލަ އޮތް ނަމަވެސް މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ކަމަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކޯޓުން ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެ އެވެ.
މެދެހެންވޭރު ދާއިރާގެ މެންބަރުގެ އާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސާބިތު ދަރަންޏަކަށް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އަދި އޭނާގެ ގޮނޑި ގެއްލިދާނެ ކަމަށް އެއްވެސް ވަރަކަށް ޤަބޫލުވެސް ނުކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާއާއި އަދި އިތުރު ފަރާތްތަކަކުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނު ތަކަކަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކީ، އެ ހުކުމަށް އަމަލު ކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ކަމަށެވެ. އަދި ހައިކޯޓުން އެ އަމުރު ނެރުމަށްފަހު އެ ކޯޓުގައި ބެލި މައްސަލައިގެ ހުކުމް އިއްވިއިރު ސިވިލް ކޯޓުން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ އާޒިމް ފައިސާ ނުދައްކާ ކަމަށް ބުނާ ލޯނު ތަކަށް ފައިސާ ދެއްކުމަށް އެއްވެސް ވަގުތެއް ކޯޓުން އޭނާއަށް ދީފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އާޒިމާއި، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ނ. ވެލިދޫ އެލްޕާސޯ، މުހަންމަދު ހަލީމެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި އެޖެންޑާކޮށްފައިވާއިރު، އާޒިމް މިއަދު ވިދާޅުވީ އޭނާ ނުވަތަ އޭނާގެ ޤާނޫނީ ވަކީލުން ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
މެންބަރު ނާޝިޒާއި އާޒިމުގެ ގޮނޑިއާއި މެދު ސުވާލު އުފައްދާ އެމައްސަލަ އަމިއްލަ ފަރާތަކުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ މި ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްސްޓްސްއިން ނަގާފައިވާ ފަސް ލޯނަކަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ މި ދެ ބޭފުޅުން ވެސް ޒިންމާވާންޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ސިވިލް ކޯޓުން ދެހާސް ދިހަވަނަ އަހަރު ހުކުމް ކުރުމާއި ގުޅިގެނެވެ.
އަދި އެހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މިފަސްލޯނަށް އިންޓަރެސްޓާއިއެކު ދުއިސައްތަ ހަ މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ކޯޓުން ހުކުމްކޮށްފައިވާއިރު، މެންބަރު ނާޝިޒާއި އާޒިމްގެ އިތުރުން މިލޯނު ތަކަށް ގެރެންޓީ ދީފައިވަނީ މ. ރަފީގުގޭ އަހްމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި ކަނބާލިފަރު އިންވެސްޓްމަންޓްގެ ފަރާތުންނެވެ.
ގާނޫނު އަސާސީގެ ހަތްދިހަ ތިންވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާކަމަށް ސާބިތުވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ހަތްދިހަ ހަތަރުވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރަކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް ބަލާ ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ