ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ގާސިމް ހޮވައިފި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަހަރު ވެސް އިންތިހާބުކޮށްފި އެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އެވެ. އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ 22 މެންބަރުން ހިމެނޭ ބަޖެޓް ކޮމިޓީގައި މިއަދު ނެގި ވޯޓުގައި މިދިޔަ އަހަރު ވެސް އަދި މީގެ ކުރިން ވެސް ގިނަ އަހަރުތަކެއްގައި އެ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ގާސިމް އިންތިހާބުވީ 12 ވޯޓުންނެެވެ. މައުސޫމް ނައިބު މުގައްރިރަކަށް އިންތިހާބު ވީ ވެސް އެ އަދަދަށް ވޯޓު ލިބިގެންނެވެ. މުގައްރިރު ހޮވުމުގެ މައްސަލައިގައި ކޮމިޓީގައި ތިއްބަވާ ސަރުކާރު ޕާޓީތަކުގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހޫނު ބަހުސްތަކެއް ހިނގާ ކޮމިޓީ ވަގުތުކޮޅަކަށް ހުއްޓާލަން ވެސް ޖެހުނެވެ. އެ މައްސަލަ ކުރިމަތިވީ މުގައްރިރު ކަމަށް ފުރަތަމަ ހުށަހެޅި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ފާސްވާ އަދަދަށް ވޯޓު ނުލިބުމުން ކޮމިޓީ ހުއްޓާލަން އެމްޑީޕީގެ މެންބަރުން ބާރުއަޅުއްވަން ފެއްޓެވުމުންނެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ހަމްޒާ އާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާ އެއް މެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލާ ހިސާބަށް ވެސް މައްސަލަ ގޯސްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ