ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ނިންމައިފި
ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ލަސްވަމުންދާތީ، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެ ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ އަނބުރާ ނެގުމަށާއި މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްދެއްވުން އެދި އުއްތަމަ ފަނޑިޔާރަށް ދެންނެވުމަށް ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ އެ މައްސަލަ ލަސްވަމުން ދިއުމުގެ ސަބަބުން ސުޕީރިއާ ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުން ނެގުމުގެ މަސައްކަތް ހުއްޓިފައިވާތީ އެވެ. ފަނޑިޔާރުން ނެގުން ހުއްޓިފައިވާއިރު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ގިނަވެ، ރައްޔިތުންނަށް އަދުލުއިންސާފު ގާއިމްކޮށްދިނުމުގައި ދަތިތައް ކުރިމަތި ވަމުންދާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު ޖޭއެސްސީން ހުށަހެޅި މި މައްސަލަ އަވަސްކޮށްދިނުމަށް ވެސް އެ ކޮމިޝަނުން ކުރިން ތަކުރާރުކޮށް އެދިފައިވެ އެވެ. ޖޭއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ޖޭއެސްސީއާ ދެކޮޅަށް ވަކީލުންތަކެއް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމުގައި ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށް ކޮމިޝަންގެ ބައެއް މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށް ޖޭއެސްސީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީން ވިދާޅުވި އެވެ. ވަކީލުންތަކެއް މައްސަލަ ހުށަހެޅީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މިންގަނޑާމެދު ހިތްހަމަނުޖެހިގެންނެވެ. އެ މިންގަނޑުގައި ބުނެފައިވާ ގޮތުން ސެޓްފިކެޓްގައި ލޯ އެންޑް ޝަރީއާ ޖަހާފައި ނެތް ނަމަ އިސްލާމީ ޝަރީއާ ކިޔެވި ކަމަކަށް ނުބަލަ އެވެ. އަދި ލިބޭ ޕޮއިންޓް ވެސް މަދެވެ. ނަމަވެސް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައިވަނީ ސެޓްފިކެޓްގެ ޓްރާންސްކްރިޕްޓަށް ވެސް ބަލަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ