ގޫގުލް އަށް ރިމޯޓްކޮށް 74 ޕަސެންޓް އެންޑްރޮއިޑް ފޯނަށް، ކޯޓުން އަމުރުކޮށްފި ނަމަ ވަދެވިދާނެ
އެންޑްރޮއިޑް އަދި އައިއޯއެސްގެ މުސްކުޅި އަދަދުތަކުން ހިންގާ ފޯނުތަކަށް ވަދެ، ޕާސްކޯޑް ބަދަލުކޮށް، އޭގައި ހުރި މައުލޫމާތު ނެގިދާނެ އެވެ. އެކަމަކު އެކަން ކުރެވޭނީ އެ އޮޕަރޭޓިން ސިސްޓަމެއް އުފެއްދި ކުންފުންޏަކަށެވެ. އިންޓަނެޓް ރިޕޯޓްތައް ބުނާ ގޮތުގައި ގޫގުލް އަށް 74 ޕަސެންޓް އެންޑްރޮއިޑް ފޯނަށް ވަނުމަށް މަގުފަހިވެފައި ވާއިރު، އެޕަލް އަށް ވަދެގަނެވެނީ ނުވަ ޕަސެންޓް އައިއޯއެސް ޑިވައިސްއަށެވެ. މިި ތަނުގައި ފާހަގަކުރަން ޖެހޭ ނުކުތާ އަކީ އެންޑްރޮއިޑްގެ މުސްކުޅި އަދަދުތަކުން ހިންގާ ފޯނުތައް އަދި ވެސް ގިނަ ކަމެވެ. އެންޑްރޮއިޑް އާބާދީގެ 74.1 ޕަސެންޓަކީ ފަހުގެ އޮޕަރޭޓިން ސިސްޓަމަށް އަޕްޑޭޓްނުކުރާ ފޯނުތަކެވެ. އެހެން ނަމަވެސް އައިއޯއެސް 8 އަށް ވުރެ ދަށް އަދަދުތަކުން ހިންގާ އާލާތްތަކުގެ އަދަދަކީ އައިއޯއެސް އާބާދީގެ ނުވަ ޕަސެންޓެވެ. ފޯނުގެ އޮޕަރޭޓިން ސިސްޓަމް އާކުރަން ޖެހެނީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށް، ވަރުގަދަކުރުމަށެވެ. އެންޑްރޮއިޑް އަދި އައިއޯއެސްގެ ފަހުގެ އަދަދުތައް އުފައްދާފައި ވަނީ، އޮޕަރޭޓިން ސިސްޓަމް އުފައްދާ ކުންފުނިތަކަށް ވެސް ނުވަދެވޭ ގޮތަށެވެ. އަދި އެއްވެސް ގޮތަކަށް ފޯނުގައި ހުންނަ މައުލޫމާތު ނުނެގޭ ގޮތަށެވެ. އެޕަލުން އައިއޯއެސް ތަރައްގީކޮށްފައި ވަނީ، ފެކްޓަރީން ފޯނު ނެރޭއިރު ވެސް އެ ފީޗާ ހިނގަހިގާ ހުންނަ ގޮތަށެވެ. ގޫގުލުން އެކަން ކުރަނީ ފޯނު ގަންނަ މީހާ އިޚްތިޔާރަށް ދޫކޮށްލައިގެންނެވެ. އެންޑްރޮއިޑް ފޯނު ބޭނުންކުރާ ގިނަ މީނުންނަށް، އެ މީހުންގެ ފޯނު ހިންގަނީ އެންޑްރޮއިޑްގެ ކޮން އަދަދަކުން ކަމެއް ނޭނގެ އެވެ. އައިއޯއެސް ބޭނުންކުރާ މީހުންގެ ތެރޭގައި ވެސް އެކަހަލަ މީހުން އުޅެ އެވެ. އެހެން ނަމަވެސް އެޕަލުން އެ ވަރު ބަލައި، ބައެއް ފީޗާތައް އޮޓަމެޓިކްކުރެ އެވެ. ގާނޫނާއި ގަވައިދު ދަމަހައްޓާ އަދި ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، އޮޕަރޭޓިން ސިސްޓަމް އުފައްދާ ކުންފުނިތަކަށް ނުވަދެވޭ ގޮތަށް އޯއެސް އުފެއްދުމަކީ ދެރަ ކަމެކެވެ. ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ވަކި މީހަކާ މެދު ޝައްކުކުރެވޭ ނަމަ، އޭނާގެ ފޯނަށް ރިމޯޓްކޮށް ވަދެވެންޖެހޭނެ އެވެ. އަދި އޭގައި ހުރި މައުލޫމާތެއް ހިފެހެއްޓެން ވެސް ޖެހޭނެ އެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި އެޕަލް އާއި ގޫގުލުން ކަސްޓަމަރުން ހިމާޔަތްކުރި ނަމަ ވެސް މީހުންގެ ފޯނުތަކަށް ރިމޯޓްކޮށް ވަނުމަށް މަގުފަހިކުރުމަށް ގާނޫނެއް ފާސްކުރާނެ އެވެ. އެގޮތުގައި އެ އިދާރާތަކުން އެދިއްޖެ ނަމަ އަމާޒުކުރެވޭ ފޯނަކުން މައުލޫމާތު ނެގެންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ