ޗެމްޕިއަންކަން ދިފާއުކޮށް ވޯލްޑް ޗެމްޕިއަންޝިޕުން ސައިފް ޖާގަ ހޯދައިފި

ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ފައިނަލް ޝޯގައި ކުރިއަށްދިޔަ ވާދަވެރި ފައިނަލަށް ފަހު، މުހައްމަދު ސައިފް (ސުޕަމޭން) މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށް ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ރޭ ހޯދައިފި އެވެ. އާޓިފިޝަލް ބީޗުގައި ރޭ އޮތް ފައިނަލްގައި މިދިޔަ އަހަރެކޭ އެއްގޮތަށް ސައިފާ ދެކޮޅަށް ނުކުތީ މިދިޔަ އަހަރު މުބާރާތުގެ ދެވަނަ ހޯދި ޔޫސުފް ރަމީޒް (ޔޫއްޓޭ) އެވެ. ފައިނަލްގައި ދެ ފްރީ ސްޓައިލަރުން ދެއްކި ހުނަރުތައް އިންސާފުކުރި ތިން ފަނޑިޔާރުންގެ ތެރެއިން ނިއު ރޭޑިއަންޓާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އާއި އަބްދުﷲ ޝަރީފް (ޑީޖޭ އައްލޯ) ބުރަވަނީ ސައިފްކޮޅަށެވެ. ޔޫއްޓޭގެ ނަން ބޯޑަށް އެރުވީ އަބްދުލް ހަމީދު އަބްދުލް ގަފޫރް (އައްޑޯ) އެވެ. ތިން ފަނޑިޔާރުންގެ ފަރާތުން ސައިފަށް ޖުމްލަ ލިބުނީ 24 މާކްސް އެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރަނަރަޕްގެ މަގާމ ާއެކު ފުއްދާލަންޖެހުނު ޔޫއްޓޭ އަށް ލިބުނީ 23 މާކްސް އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ސައިފަށް ވަނީ މި އަހަރު އިޓަލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ސްރީޓް ސްޓައިލްގެ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ލިބިފަ އެވެ. ރާއްޖޭގައި ބޭއްވި ރެޑް ބުލް ސްޓްރީޓް ސްޓައިލް މުބާރާތް 2010 ވަނަ އަހަރު ކާމިޔާބުކޮށް، ސައިފް ވަނީ އެ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށްފަ އެވެ. "ވަރަށް އުފާވެއްޖެ،" ފައިނަލް ޝޯއަށް ފަހު "ހަވީރާ" ވާހަކަދައްކަމުން ސައިފް ބުންޏެވެ. "މި ފަހަރު ތަންކޮޅެއް ބޮޑަށް ޕްރެކްޓިސްކުރެވުމުން ތަންކޮޅެއް ޔަގީންކަން ބޮޑުވި. ކުރީ އަހަރާ އަޅާބަލާއިރު ތަންކޮޅެއް ވާދަވެރިކަން ބޮޑު މި ފަހަރު. އެހެން ބައިވެރިންގެ ޕާފޯމަންސުން ވެސް އެކަން އެނގޭނެ." ސައިފްގެ ފަރާތުން މި އަހަރު ވަނީ ކުރިއަށްވުރެ ތަފާތު ހުނަރުތަކެއް ފެނިފަ އެވެ. ކުރިއާއަޅާބަލާއިރު ސައިފް ބޮޑު ކުރިއެރުމެއް ހޯދައިފައިވާކަން މި އަހަރުގެ މުބާރާތުގައި ފާހަގަވި އެވެ. "ކުޑަ ރެސްޓެއް ނަގާލުމަށް ފަހު ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފަށާނަން،" ސައިފް ބުންޏެވެ. ސްޓްރީޓް ސްޓައިލްގެ ފައިނަލް ޝޯގެ ކުރިން އޮތް ސެމީ ފައިނަލްގައި ސައިފް ޝިފާޒް ލަތީފް (ވާތޭ) އަތުން މޮޅުވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ސެމީގައި އާލިމް މުހައްމަދު (ނީމޯ) އަތުން ޔޫއްޓޭ ވެސް މޮޅުވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ވާތޭ އަތުން މޮޅުވެ، ނީމޯ ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. މުބާރާތަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނަތައް ހޮވުނު ފްރީ ސްޓައިލަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރެޑްބުލް އެނާޖީ ޑްރިންކް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ނޫރައްދީނާއި އޮލިމްޕިކް ކޮމެޓީގެ އޮނަނަރީ ޗެއާމަން މުހައްމަދު ޒާހިރު ނަސީރެވެ. އާޓިފިޝަލް ބީޗްގައި ރޭ އޮތް ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ކުލަގަދަ ފައިނަލް ޝޯގައި މެޗުތައް ފެށުމުގެ ކުރިން ބެލުންތެރިން ޝައުގުވެރިކޮށްލި ހަރަކާތްތަކެއް ވަނީ ހުށަހަޅައިފަ އެވެ. މަޝްހޫރު ލަވަކިއުންތެރިޔާ މީރާ މުހައްމަދު މާޖިދާއި ހަބޭސް ބޮޑުބެރު ގުރޫޕް އަދި ގޯސްޓްގެ ހުނަރުވެރި ހަރަކާތްތަކުން ޝޯ ފަޅުފިލުވައިދިން ނަމަވެސް، އެ ހުރިހާ ހަރަކާތްތަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ސްޕެއިންގެ މަޝްހޫރު ބީއެމްއެކްސް ފްރީ ސްޓައިލާ ޖޯޖް "ވިކީ" ގޯމޭޒްގެ ޖާދުވީ ހަރަކާތްތަކަށެވެ. ދިހަ ދުވަހުގެ ޓުއާއެއްގައި ރާއްޖެ އަށް ޒިޔާރަތްކުރާ ގޯމޭޒްގެ ފުރަތަމަ ފެނިލުމުގައި ރޭ މޮޅު ހުނަރުތަކެއް ވަނީ ދައްކާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ