އެމްޑީޕީން ދަނީ ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަމުން: ގާސިމް

އެމްޑީޕީން މި ގައުމުގައި ކަންކަން ކުރަމުންދާ ގޮތުން މި ގައުމުގައި ފިތުނަ ފަސާދަތައް އުފެދެމުންދާކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެޕާޓީގެ އޮފީހުގައި ރޭ އެޕާޓީއާ އަލަށް ގުޅުނު މެންބަރުން ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ އެމްޑީޕީން މި ގައުމުގައި ކަންކަން ކުރަމުންދާ ގޮތުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ގައުމަށް ވަރަށް ބޮޑު ގެއްލުންލިބިފައިވާ ކަމަށެވެ.
އެމްޑީޕީއަށް ޕާޓީ ތަކުގެ މަޝްވަރާގެ ވާހަކަ ތަކުގައި ބައިވެރި ވުމަށް ވަރަށް ގިނަ ދުވަސް ދީފައި އަދި ބައިވެރިވުމަށް އަންގާފައި ވާކަމަށާއި ނަމަވެސް އެވާހަކަތަކުގައި ބައިވެރިނުވެ މަގުމަތި ހަލަބޮލިކޮށް ގައުމުގައި ފަސާދައާއި ފިތުނަ އުފެދޭނެހާ ކަންތައްތައް ކުރަމުން ގެންގޮސް ފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބޭރު ދުނިޔެގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ފޮހިވި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ އަވަސް އިންތިހާބެއްގެ ވާހަކަ މަޝްވަރާތަކުގައި ނެތް ކަމަށާއި ނަމަވެސް ފެއާ އެންޑް ފުރީ އިންތިހާބެއް ބޭއްވުމަށް ވާހަކަ ދައްކާ ކަމަށެވެ. އަދި އިންތިހާބު އޮންނާނީ 2013 ވަނަ އަހަރުގެ ޖުލައިމަހުގެ މެދެއްހައި ހިސާބުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
12 ހާސް އަށްވުރެ ގިނަ މެންބަރުން ޖުމްހުރީ ޕާޓީގައި މިހާރު ތިބި ކަމަށް ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ރައްޔިތުން އެޕާޓީ އާއި ގުޅޭނީ ޕާޓީގެ ތެދުވެރި ކަމާ އޮޅުވައިނުލާ މަސައްކަތް ކުރާތީ ކަމަށެވެ. އަދި މިހާތަށް އެންމެ ބާރަށް މެންބަރުން އިތުރުވަމުން އަންނަ ޕާޓީ އަކީ ޖުމުހުރީ ޕާޓީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
މިއަދު އެޕާޓީއާއި އަލަށް ގުޅުނު ފަރާތް ތަކުގެ ތެރޭގައި އިހަވަންދޫ، މާކުރަތު، އަލިފުށި އަދި ފިލްމް ސްޓާރުންގެ ތެރެއިން ބަޔަކު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ