5.5 މިލިޔަން ރުފިޔާއާއެކު ގާސިމް އިބްރާހިމް ރަށްވެހި ތަރައްގީގެ އެވޯޑާއި ހައްޖު ދަތުރު އިއުލާންކޮށްފި

ރަށްރަށުގެ ތަރައްގީއަށް އަމާޒުކޮށް "ގާސިމް އިބްރާހިމް - ރަށްވެހި ތަރައްގީ އެވޯޑް" ގެ ނަމުގައި ގާސިމް އިބްރާހިމް އެވޯޑެއް އިއުލާން ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މި އެވޯޑް އިއުލާން ކުރެއްވީ ކޮންމެ ހުކުރު ދުވަހަކު ވީމީޑިޔާގެ ވީޓީވީން ގެންސްދޭ "އަމީންގެ މަލާފަތް" ޕްރޮގްރާމްގެ 100 ވަނަ ޕްރޮގްރާމްގެ ތެރޭގައި މިއަދު ވާހާކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް ވިދާޅުވީ ގާސިމް އިބްރާހީމް – ރަށްވެހި ތަރައްޤީ އެވޯޑް ގެ ނަމުގައި، ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް އަމާޒުކޮށް ކޮންމެ އަހަރަކު ޚާއްޞަ އެވޯޑެއް ދޭން ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނު ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެ އެވޯޑް ދެއްވާނެ ކަމަށެވެ.
"މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ވަނީ ހުޅުވާލެވިފައި. އެވޯޑުގެ ކަންކަން ކުރިއަށް ދާނެގޮތް ކުރިއަށް އޮތް ފަނަރަ ވަރަކަށް ދުވަސްތެރޭ ވިލާފައުންޑޭޝަނުން އިޢުލާނު ކުރާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ނިންމަވާފައި ވަނީ އަހަރުގެ ތެރޭގައި ތަރައްޤީއަށް އެންމެ މަސައްކަތްކުރާ ރަށަކަށް، އެވޯޑާއެކު ދެ މިލިއަން ރުފިޔާގެ އިނާމެއް ދެއްވުމަށް ކަމަށެވެ.
ދެވަނަ އަށް އަންނަ ރަށަކަށް އެއް މިލިއަން ރުފިޔާ، ތިންވަނަ އަށް އަންނަ ރަށަކަށް ފަސް ލައްކަ ރުފިޔާ އާއި އެވޯޑް ދޭން ނިންމާފައިވާއިރު ގާސިމް މިއަދު ވިދާޅުވީ އަހަރުގެ ތރޭގައި އަންހެނުންގެ ތަރައްޤީއަށް އެންމެ މަސައްކަތްކުރާ ރަށަކަށް އެވޯޑާއެކު ފަސް ލައްކަ ރުފިޔާ ދިނުމަށް ވެސް ނިންމަވާފައިވަ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ތަރައްޤީ އާއި ރައްޔިތުންގެ ލާބަޔަށް، އެކި ރޮނގުތަކުން އެހީތެރިވުމުގައި ގާތްގަނޑަކަށް 40 އަހަރު އެމަނިކުފާނު ހޭދަ ކުރައްވާފައިވާއިރު ލިބި ވަޑައިގެންނެވި ތަޖްރިބާގެ އަލީގައި ދެކަމެއް ފާހަގަ ކުރެއްވޭ ކަމަށާއި އެއްކަމަކީ، ވަރަށް އުފާވެރި ކަމަކަށްވާއިރު އަނެއް ކަމަކީ އެހާ ހިތާމަވެރި ކަމެއް ކަމަށެވެ.
"އުފާވެރިކަމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ތަރައްޤީގެ ޚިޔާލު ވަރަށް ބޮޑަށް ހުރި ބަޔަކަށްވާކަން. ހިތާމަވެރި ކަމަކީ، ރައްޔިތުންގެ އުންމީދާއި އާދޭހާ އެއްވަރަށް ރާއްޖޭގެ ރަށްތައް ތަރައްޤީކުރަން އެއްވެސް ސަރުކާރަކަށް މަސައްކަތްކޮށްދެވިފައި ނުވާކަން،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑަކީ ވަރަށް ގިނަ ރައްޔިތުންނާ ކޮންމެ ދުވަހަކު ބައްދަލުވެ، ރައްޔިތުންގެ އަޑު އަހާ މީހެއް. ރައްޔިތުންގެ ވާހަކަތައް އަޑުއަހަން އިންނައިރު ހިތަށް އަބަދުވެސް ވެރިވާ ޝުޢޫރެއް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އަތޮޅުތަކާ ރަށްތައް ތަރައްޤީކުރުމުގެ ކަންކަން އަޅުގަނޑު ޙަވާލުވެއްޖެނަމަ، ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދޭން،"
ގާސިމް އިބްރާހިމް – ރަށްވެހި ތަރައްގީ އެވޯޑް އިއުލާން ކުރި އިރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ 25 މީހަކަށް ކޮންމެ އަހަރަކުވެސް އެ ފުރުސަތު ވިލާފައުންޑޭޝަންގެ ދޭން ނިންމައި ގާސިމް ވަނީ އެކަން ވެސް މިއަދު އިއުލާން ކޮށްދެއްވާފަ އެވެ.
"ކޮންމެ އަހަރަކު ވެސް 25 ފަރާތަކަށް ހައްޖުގެ އަޅުކަމުގެ ފުރުސަތު ދޭން ވެސް އަޅުގަނޑު ނިންމައިފިން. މި ބަރަކާތްތެރި ފުރުޞަތު ކޮންމެ އަހަރަކު ލިބޭ ފަރާތްތައް ހޮވާނީ ޤުރުޢަތުން،" ގާސިމް ވިދާޅުވި އެވެ. "ރަށްރަށުގެ ތަރައްޤީއަށާ ރައްޔިތުންނަށް އަމާޒުކޮށް މިފަދަ އިނާމުތަކެއް ދޭން އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނަށް އިތުރު ހިތްވަރެއް ދިނުމަށް. ރަށްރަށުގައި ފުރިހަމަ ނުކުރެވި ހުރި މަޝްރޫޢުތައް ފުރިހަމަ ކުރުމަށް. އަޅުގަނޑުމެންގެ އެކުވެރިކަމާ ދީންވެރިކަން އިތުރު ކުރުމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ