އަމިއްލަ ޖަނަރޭޓަރަކުން އައިއެމްޑީސީ އަށް ކަރަންޓް ދެނީ

ހިތަދޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ އައިއެމްޑީސީއިން ފައިތުވި ދެ މަސް ދުވަހު ކަރަންޓު ނުދައްކާ ކަމަށް ބުނެ އިއްޔެ ކަރަންޓު ކަނޑާލާފައިވަނިކޮށް އަމިއްލަ ޖަނަރޭޓަރަކުން އެތަނަށް ކަރަންޓް ދޭން ފަށައިފިއެވެ.
ކަރަންޓު ދީފައިވަނީ ރޭ ދަންވަރު 12:30 އިން ފެށިގެން ހޮސްޕިޓަލްގައި ހުރި ބެކަޕް ސިސްޓަމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހުއެވެ. ކަރަންޓް ކަނޑާލުމާ ގުޅިގެން އެހޮސްޕިޓަލްގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ކަރަންޓް ލިބުމާ ހަމައަށް އެހޮސްޕިޓަލްގައި ބޭނުންކުރީ އުއްބައްތިއެވެ.
މިހޮސްޕިޓަލަކީ ކުރީގެ ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ގްރޫޕުން ހިންގާ ކުންފުންޏެކެވެ. ހޮސްޕިޓަލުގެ އިތުރުން ހިތަދޫގައި ހުންނަ ސިމްޑީގެ ޝޯރޫމުންވެސް ވަނީ ކަރަންޓް ކަނޑާލާފައެވެ.
އެޑްމިޓް ޕޭޝަންޓުން ވެސް ހޮސްޕިޓަލްގައި ތިއްބައި ކަރަންޓް ކަނޑާލުމުން އައިއެމްޑީސީގެ މެނޭޖްމަންޓުން ކަންބޮޑުވުން ފާޅުކޮށްފައި ވީ ނަމަވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހުށަހެޅުމުން ކޯޓުން ވަގުތީ އަމުރެއް ވެސް ނެރެދޭ ގޮތް ވަނީ ނުވެފައެވެ.
މިއަދު އައިއެމްޑީސީން ވިދާޅުވީ ކަރަންޓް ބިލް ނުދައްކާ އޮތީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށާއި އެއީ ވިޔަފާރިވެރިންގެ އެދުމުގައި ބައިވެރި ވުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ