މީގެ ކުރިން ކަރަންޓް ކެނޑުނީ ކޮންމެ ފަސް މިނެޓަކުން ކަމަށާއި، މިއަދު ހާހަކުން ފަހަރު ކަރަންޓް ކެނޑުނީމާ ހައިރާން ނުވާކަމަށް ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ރޭ ކާނިވަލުގައި ބޭއްވި ޕީޕީއެމްގެ "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، 2013 ވަނަ އަހަރާއި ހަމައަށް މި ގައުމު އައިއިރު، މި ގައުމާއިމެދު ވިސްނަވަން ޖެހޭ ކަމަށެވެ. 2013 ގެ ކުރީގެ ސަރުކާރު ތަކުގައި ދެއިރު ދެ ދަޅައަށް ކަރަންޓް ދާތީ އެކަމާއި ރައްޔިތުން ތަކުލީފުތަކެއް އުފަލުން ޖެހުނު ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވިއިރު، ކަރަންޓް ޔަގީން ސިޔާސަތުގެ ދަށުން މިކަންތައް ހައްލު ކުރުމަށް މަސައްކަތެއް ކުރެވުނު ކަމަށެވެ.
އޭގެ ނަތީއްޖާއަކަށްވެގެން ދިޔައީ މިއަދު އެކަމުގެ ލާބަޔާ މަންފާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލިބިގެންދިޔުން ކަމަށް ސުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2013 ގެ ކެމްޕޭނުގައި ރަށްރަށަށް ދިޔައިރު ބައެއް ގޭގޭގައި ދޮރުމަތީގައި ޓީވީއާ އައިސް އަލަމާއި ފަދަ ތަކެތި ހުރީ އަވީލާފައި. އަޅުގަނޑުމެން ދެންނެވިން އެގޭގެ ބޭފުޅުން ކައިރީގައި ދައްތަމެންނޭ މި ކިހިނެއްވެފައި ހުރި އެއްޗެއް ހެއްޔޭ. ވިދާޅުވީ ދެއިރު ދެ ދަޅައަށް ފަސް މިނިޓުން ކަރަންޓް ދާތީ ވެފައި ހުރި ކަންތައްތަކޭ" ސުޖާއު ވިދާޅުވިއެވެ.
ސުޖާ ވިދާޅުވީ، ގުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތަށް އޮތް އޮތުން ބަދަލުކުރީ ކުރީ ވެރިކަމުގައި ކަމަށާއި، ނަމަވެސް ގުރުއާން މަޖުބޫރު މާއްދާއަކަށް ހައްދަވާދެއްވީ ރައީސް ޔާމީން ކަމަށެވެ.
މިއަދު ކޮލަމްބޯގައި ހުންނަ ސޯސަން ވިލާއަށް ގުރުއާން ޓީޗަރު ހަމަޖެއްސެވީ ރައީސް ޔާމީން ކަމަށާއި، އެސްއެސްސީ އިމްތިހާނާއި، ދިވެހި އިސްލާމް ޕޭޕަރު ރާއްޖެއިން ހެދޭ ގޮތައް މިހާރު ކޮލަމްބޯގައި ހެދޭނެ ކަމަށެވެ.
ސުޖާއު ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ބީޓް ނުކުރެވޭނެކަން އެނގި އަމާޒް ހިފާފައި ހުރީ އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރާހިމްއަށް ކަމަށެވެ.
"އެ ބޭފުޅުންނަށް އިނގޭ އެ ބޭފުޅުންގެ ޒައާމަތުގައި އެ ބޭފުޅުންގެ އާރާއި ބާރު އޮތްއިރުގައި ދިވެހި މުޖުތަމައުން ހަވާސާވެފައި ތިބި ރައްޔިތުންތަކެއް ތިބިކަން. އެކަމަކު އެ ހުރިހާ ކުދިންނަށް އަޅާލާ އޯގާތެރިކަމާއިއެކީގާ އެކަމަނާ ކުރެއްވި މަސައްކަތުން ލިބެމުންދާ ކާމިޔާބާއި، ކުރިއެރުމައި، އެ ބޭފުޅުންގެ މައިބަފައިންގެ ހިތްތަކަށް ތަސައްލީ ފެނި ބިރުން އެ އުޅެނީ މެޑަމް ފާތުންގެ އަގުވައްޓާލުމަށް މިހާރު" ސުޖާ ވިދާޅުވިއެވެ.
ސުޖާ އިތުރަށް ވިދާޅުވީ، މީގެ ކުރިންވެސް މިގައުމުގައި ފަސްޓްލޭޑިން އުޅުނު ނަމަވެސް، އެބޭފުޅުންނަށް އެކަން ނުކުރެވުނީ "ކަންނެތް" ކަމުން ކަމަށް ސުޖާ ވިދާޅުވިއެވެ.
ސުޖާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން 2018 އަށް ހޮވުމަށް ރައްޔިތުންގެ އަރިހަށް ދާނީ ހުސްވާހަކައެއް ހިފައިގެން ނޫން ކަމަށެވެ. އަދި މިހާރު 2018 އަށް ތައްޔާރުވެފައިވާކަމަށްވެސް ސުޖާ ވިދާޅުވިއެވެ.
ކުރިން ކޮންމެ ފަސް މިނެޓަކުން ކަރަންޓް ކެނޑޭ، މިހާރު ކެނޑެނީ ހާހަކުން ފަހަރަކު – ސުޖާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ