އަބްދުﷲ ގެ މަރުގެ މައްސަލާގައި ފަތުރާ ޚަބަރުތަކާމެދު އެޗުއާރުސީއެމުން ކަންބޮޑުވެއްޖެ!

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލައެއް ބަލަމުންދާ ކަމަށް އެޗުއާރުސީއެމުން ބުނެފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހެއްގެ ހައްގެއް ގެއްލިގެން އެކޮމިޝަނަށް ހުށަހަޅައިފިނަމަ، ނުވަތަ އެއްވެސް މީހެއްގެ ހައްގެއް ގެއްލިފައިވާ ކަމަށް އެކޮމިޝަނަށް ފެނިއްޖެނަމަ، އެކަމެއް ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ގާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ހުރިހާ ބާރުތަކާއި އިޚްތިޔާރުތަކެއް ބޭނުންކޮށްގެން ކަމަށެވެ. މިގޮތުން ކުރާ ތަހުގީގަކުން އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށެވެ.
އެޗުއާރުސީއެމުން ބުނީ ކޮމިޝަނުން މައްސަލަ ބެލުމުގައި ގެންގުޅެނީ ތަފާތު ދެގޮތެއް ކަމަށެވެ. ފުރަތަމަ ގޮތަކީ މީހަކު، ބަޔަކު ނުވަތަ ރަސްމީ އިދާރާއަކުން ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ބެލުން ކަމަށާއި ދެވަނަ ގޮތަކީ ކޮމިޝަނުން އިސްނަގައިގެން މައްސަލަ ބެލުން ކަމަށެވެ. މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިމީހަކު މަރުވެއްޖެނަމަ ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެމައްސަލައެއް ތަހުގީގުކޮށް ބަލަމުން ގެންދާ ކަމަށް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
"އަދި، ބަލަމުންދާ މައްސަލައެއްގެ ތަހުގީގުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާކަން ތަހުގީގަށް ސާބިތުވެއްޖެނަމަ، އެފަރާތްތަކާމެދު ފިޔަވަޅު އަޅަމެވެ. އަދި، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮމިޝަނުން ކުރަމުން ގެންދާނަމެވެ" އެޗުއާރުސީއެމްގެ ނޫސްބަޔާނުގައި ވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މިގޮތަށް މަސައްކަތްކުރަމުން ދަނިކޮށް މައުލޫމާތު ކަށަވަރުނުކޮށް ބައެއް މީޑީއާތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގަށް ހުރަސްއެޅެމުންދާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ މަރުވެފައިވާ ފަރާތުގެ އާއިލާއަށާއި ގާތްތިމާގެ މީހުންނަށް އިތުރު ހިތާމައާއި ހިތްދަތިކަން ލިބިގެންދާ ކަންކަންކަން ފާހަގަކޮށް ބުނެފައިވަނީ އެއްވެސް ފަރާތަކުން މިގޮތަށް އަމަލުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލައެއް ބަލަމުންދާ ކަމަށް އެޗުއާރުސީއެމުން ބުނެފައިމިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ގައިދީއަކު މަރުވި މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށާއި އެކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހުގެ 10 ވަނަ ދުވަހު ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ޖަލުގައި މީހުން މަރުވަމުންދާއިރު އެ މައްސަލަތައް ބަލައި އެކަމުގެ ވާހަކަދައްކަންޖެހޭ މުއައްސަސާގެ ގޮތުގައި އޮތް ހިއުމަން ރައިޓްސް ކޮމިޝަނުން މިފަދަ މައްސަލަތަކުގައި އެއްވެސް އެއްޗެއް ބުނާތަން ފެންނަމުން ނުދާ ކަމަށެވެ. އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނަކީ މިއަދު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ މުއައްސަސާއެއް ކަމަށެވެ.
އަބްދުﷲގެ މަރުގެ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގެއް ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ގުޅިފައިވާ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ