ވެލެންސިއާ އަތުން ތިން ޕޮއިންޓް ހޯދާ އީގަލްސް ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި

މާލޭ ލީގުގައި މިއަދު ހަވީރު ތާވަލްގެ އެންމެ ފުލުގައި އޮތް ވެލެންސިއާ އަދި އީގަލްސް ކުޅުނު މެޗުން ކްލަބް އީގަލްސް ކުރި ހޯދައިފި އެވެ. މިއަދުގެ މެޗުން އީގަލްސް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އީގަލްސް އަށް 20 ޕޮއިންޓް ހަމަވެ ވަގުތީ ގޮތުން ތާވަލްގެ ތިންވަނަ އަށް އަރާފައިވާއިރު ކުރިއަށް ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ވެސް ގަދަ ހަތަރެއްގައި އޮތުމުގެ ފުރުޞަތު އީގަލްސް އަށް ވަނީ ތަނަވަސްވެފައެވެ. މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އީގަލްސް އަށް ކާމިޔާބުކޮށްދިނީ އަނިޔާގައި ގިނަދުވަސްތަކެއް ވަންދެން ހުރުމަށް ފަހު އަނބުރާ ކުޅުމުގެ ތެރެއަށް ނުކުތް އަހްމަދު ނާޝިދު (ނާއްޓެ) އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ އަހްމަދު ރިޒްވާން (ރިޒޭ) ތަނަވަސް ކޮށްދިން ފުރުޞަތަކުންނެވެ. ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު މެޗުތަކަށް ބަލާއިރު އެ ޓީމުން ވަނީ ރަނގަޅު ނަތީޖާ ތަކެއް ހޯދާފައެވެ. ލީގުގެ ދެ ވަނަ ބުރުގައި އީގަލްސް މާޒިޔާ އަތުން ހައިރާން ކުރުވަނިވި ނަތީޖާއެއް ހޯދި އިރު އެމެޗުގައި އީގަލްސްއިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއް ހޯދާފައެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި އެޓިމުންވަނީ ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ