އިންޖީނުގައި މައްސަލަ ޖެހި ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ރ. އަލިފުއްޓާއި ގދ. ނަޑެއްލާ އަށް މިހާރު ކަރަންޓް ދެވިފައިވާ ކަމަށް އެ ދެ ރަށަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ދެފަހަރެއްގެ މަތިން ރ. އަލިފުށިން ކަރަންޓުގެ ޚިދުމަތް ކެޑިފައި އޮތުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފުއްޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަލިފުށީގެ ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ގެނެސްގެން ކަރަންޓް ދޫކުރެވޭނެ ގޮތެއް ރޭ ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ކަރަންޓް ދޫ ނުކުރެވުނީ ރައްޔިތުންގެ ތެރެއިން ބަޔަކު ހުރަސްއަޅާތީ ކަމަށެވެ.
ނަމަވެސް މިހާރު ވާހަކަ ދައްކައިގެން އެ މައްސަލަތައް ހައްލުކޮށް އަލިފުއްޓަށް ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށްޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު އަލިފުއްޓަށް ފޯރުކޮށް ދީފައި ވަނީ ވަގުތީ ކަރަންޓް ކަމަށާއި އަދި ދާއިމީ ކަރަންޓް ފޯރުކޮށްދެވޭނީ އިންޖީނަށް ބޭނުންވާ ސްޕްއާތައް ލިބުމުން ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމުގެ ގޮތުން އަލިފުއްޓަށް 200 ކިލޯގެ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ އަލިފުށީގައި ހުންނަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި މައްސަލަ ދިމާވެފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ކަމަށެވެ. އަދި އެކަން ހައްލުކޮށް ވަގުތީ ގޮތުން ކަރަންޓް ދޫކުރުމަށް ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ކަރަންޓް ދެވޭވަރުވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޒީ ސުންގަޑި ޕްރޮގްރާމަށް ވިދާޅުވީ ޝަރީފް އެވިދާޅުވާ ގޮތައް ކަރަންޓް ދޫކުރެވުނު ނަމަވެސް ކަރަންޓް ނުކެނޑޭނެ ކަމުގެ ޔަޤީންކަމެއް ޓެކްނިކަލް ބޭފުޅުންނަށް ނުދެއްވޭ ކަމަށެވެ. އެހެންކަމުން ކަރަންޓް ގޮސްގެން ރައްޔިތުންގެ އަގުބޮޑު މުދާ ހަލާކުވެދާނެތީ އެގޮތައް ކަރަންޓް ދޭން ރަށުގެ ގިނަ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ނަޑެއްލާ އިން އަންގާރަ ދުވަހު މެންދުރު ކަރަންޓް ކެނޑުނީ އިންޖީނުގެ ތެޔޮ ބަދަލުކުރަން އުޅުމުގެ ތެރޭގައި ފިއުލް ޓޭންކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިހާރު އެ މައްސަލަ ހައްލުކޮށް އެ ރަށަށް ވެސް ވަގުތީ ކަރަންޓް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަރަންޓް މެދުނުކެނޑި ފޮރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު މާލެއިން 180 ކިލޯގެ ޖެނަރޭޓަރެއް ގެންދިއަުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަލިފުއްޓާއި ނަޑެއްލާ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ