މާރާމާރީ އާއި މީހުން މެރުން އިތުރުވެފައިވަނީ އެކަމަށް ހިތްވަރު ދޭތީ: މައުމޫން

ރާއްޖޭގައި މާރާމާރީ އާއި މީހުން މެރުން ފަދަ ކަންކަން އިތުރުވެފައި ވަނީ ސަރުކާރުން އެކަމަށް ހިތްވަރު ދޭތީ ކަމުގައި ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރަޙުމެއްނެތް ގަތުލުތައް މި ނަމުގައި ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ވިޔާނުދާ ޒުވާނުންނަށް ފައިސާ ހަރަދު ކުރެވެމުންދާ ކަމަށާއި އެއީ ވަކި ބަޔަކު އެބަޔަކު ބޭނުންވާ މަގުސަދެއް ހާސިލް ކުރުމަށް ކުރަމުންދާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިއަދު އޮތީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ނޫން ކަމަށެވެ. އެކަން ރާއްޖޭގައި ހިނގަމުންދާ ނުރައްކާތެރި ކުށްތަކަށް ބަލާލުމުން އެނގިގެންދާ ކަމަށެވެ.
ސިޔާސީ އެކިއެކި ލީޑަރުންނަށް އެކި ހުކުމްތައްކޮށްފައި ވާއިރު، ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުވެސް މިއަދު ހުންނެވީ ސަލާމަތުން ނޫން ކަމަށެވެ. އެގޮތަށް ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖަލުގައި ބަންދުކޮށްފައި ހުރުމުން އެކަމަށް އިޝާރަތްކުރައްވަ އެވެ.
ރައީސް މައުމޫން ވިދާޅުވީ އެއްވެސް ހެއްކެއްނެތި އަދި އިންސާފުން ބޭރުން ފާރިސް މައުމޫން ޖަލުގައި ބަންދުކޮށްފައި ވީނަމަވެސް، ހަގީގަތުގައި ޖަލުގައި ބަންދު ކުރެވިފައި އެވަނީ އެމަނިކުފާނު ކަމަށެވެ.
"ފާރިސް އެގޮތަށް ޖަލުގައި ހައްޔަރު ކުރުމުގެ ބޭނުމަކީ ސަރުކާރުން އަޅުގަނޑަށް ދަތިކުރުން،" މައުމޫން ވިދާޅުވި އެވެ.
މިޖަލްސާގައި ޔޫރަޕިއަން ޕާލަމެންޓަށް މިއަދު ހުށައެޅުނު ގަރާރާއި ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އީޔޫއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގައި ސަރުކާރުން ބުނިނަަމަވެސް އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ. އަދި އީޔޫއިން ފިޔަވަޅު ނާޅާނެ ކަމުގައި ސަރުކާރުން ބުނާ ނަމަ އެކަމަކީ މިހާރު ހިނގަމުންދާ ކަންކަން އިސްލާހު ނުކޮށް އެގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ