އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ބާއްވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމުގެ ގޮތުން: އިލެކްޝަންސް

އަލީ ޔޫސުފް
އައްޑޫގައި މާދަމާ ސިޓީ ކައުންސިލް އިންތިހާބު ބާއްވަން ނިންމީ ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
ނޫސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ލަސްވީ ވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވަން ޖެހޭ ބައެއް ކަންތައްތައް ފުރިހަމަނުވެ ހުރުމުން ކަމަށާއި އޭގެ ތެރޭގައި އިދާރީ ރަށްތައް ކަނޑައެޅުން ހިމެނޭ ކަމަށެވެ. ރަށްތައް ކަނޑައެޅި އިރު އައްޑޫ އޮތީ ސިޓީއެއްގެ ގޮތުގައި ކަމަށާއި އިންތިހާބީ ދާއިރާތައް ކަނޑައެޅީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ލިސްޓުގައިވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެޒެޓުގައި ކައުންސިލްތަކުގެ ގޮތުގައި އުފައްދަވާފައި ހުރި އިރު ... ކުރިން ހަ ރަށުގެ ގޮތުގައި އޮތް އައްޑޫ އޮތީ އެންމެ ރަށެއްގެ ގޮތުގައި. ގާނޫނުގަ ނެތް އައްޑު އަތޮޅުގައި ހިތަދޫ ކައުންސިލެއް. ހުޅުދޫ ކައުންސިލެއް. ނެތީސް އަޅުގަނޑުމެންނަކަށް ނޭނގެ އެހެން ކައުންސިލެއް އެތާ )އައްޑޫގައި( ބާއްވާނެ ގޮތެއް. އެއްވެސް ގާނޫނީ ހަމައެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ،" ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގޮތުގެ މަތިން އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އައިސް އައްޑޫގައި އިންތިހާބު ނުބާއްވަން ނިންމީ ސިޓީގެ ދަރަޖަ ދޭން ކަނޑައެޅި ޝަރުތުތައް ސިވިލް ކޯޓުން ބާތިލުކުރުމުން ކަމަށެވެ. ނަމަވެސް އައްޑޫގައި ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުމަށް މިރޭ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ އެކު އިންތިހާބު ބާއްވަން އެ ކޮމިޝަންގެ މައްޗަށް ލާޒިމްވެފައިވާ ކަމަށާއި މާދަމާ އިންތިހާބެއް ބާއްވާ ނަމަ އައްޑޫގައި ބޭއްވެން އޮތީ ސިޓީ ކައުންސިލް އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ އިންތިހާބު ބޭއްވި ނަމަވެސް އެކަމާ ގުޅިގެން ކޯޓަކުން މައްސަލައެއް ނިންމައިފި ނަމަ ގާނޫނުގައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ކަނޑައެޅިގެން ބާތިލުކޮށްފައި ނުވި ނަމަވެސް މާދަމާ އައްޑޫގައި ބާއްވާނީ ސިޓީ ކައުންސިލެއް ކަމަށާއި އެ ކަމަށް ވާން ޖެހޭ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ. މި ގޮތުން ރަށްރަށަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތައް ފޮނުވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ސްރީ ލަންކާ އާއި އިންޑިއާ އަށް މާދަމާ ވަރަށް ހެނދުނާ އައްޑޫ ސިޓީ ކައުންސިލްގެ ކަރުދާސްތައް ފޮނުވޭނެ ކަމަށާއި އެ ކަރުދާސްތައް ނުފޮނުވޭ ބައެއް ރިސޯޓުތަކަށް ވެސް ވީ އެންމެ އަވަހަކަށް ކަރުދާސްތައް ފޮނުވޭތޯ ކޮމިޝަނުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ކައުންސިލް އިންތިހާބު ރާއްޖޭގެ އެހެން ދާއިރާތަކެކޭ އެއްފަދައިން އައްޑޫގައި ވެސް ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން ހިންގަން ފަށައިގަތުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް އިސްތިސްނާކުރުމެއް ނެތި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެކަމަށް ކަނޑައެޅި ތާރީހުގައި ބޭއްވުން ކަށަވަރުކުރުމަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެ ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ.
ސްޕްރީމް ކޯޓުން މި ގޮތަށް އަމުރު ނެރުއްވާފައި މި ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީގައި އެންމެ މެމްބަރަކު ހުރެގެން، ސިޓީގެ ދަރަޖަ ދިނުމުގެ ޝަރުތުތައް ކަނޑައެޅުމުގެ ނިންމުން ސައްހަ ނޫން ކަމަށާއި އެ ނިންމުން އާއްމު ކުރުމަށް ކުރި އިއުލާނަކީ ބާތިލް އެއްޗެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސަރުކާރުން ބުދަދުވަހު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައި ވަނިކޮށެވެ. ހައި ކޯޓުން ވަކި ގޮތެއް ނުނިންމައި ވަނިކޮށް އިންތިހާބު ބޭއްވުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ