ރައްޔިތުންގެ މަޖިލީހުންގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ މައްސަލައިގައި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު އިލެކްޝަންސްގެ މައްޗަށް ދައުވާ ކުރެއްވި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޝާއިރުގެ ފަރާތުން ވަކާލާތު ކުރައްވަމުން ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލެއްވުމަށް ޝާއިރުގެ ފަރާތުން 11 މާޗް ވަނަ ދުވަހުގެ 55: 14 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކަމަށެވެ. އަދި އެ ދުވަހު ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް ހުށަހެޅުއްވި ކަމަށާއި އެކަމަކު އެވަގުތު އެތާނގައި ކަރަންޓް ނެތުމުން، އެ ތަކެތި ބަލައިގަތްކަމުގެ ލިޔުން ދޫކުރެވެން ނެތް ކަމަށް އިލެކްޝަންސް އިން އެންގި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި 50 މީހުންގެ ސޮއި ހިމެނޭ ސޮފްޓް ކޮޕީ ހުށަހަޅާފައިވަނީ ގަޑިޖެހުނު ފަހުން ކަމަށް އޭގެ އަނެއް ދުވަހު ކޮމިޝަނުން އަންގާފައިވާ ކަމަށާއި ސޮފްޓް ކޮޕީއަކީ ކޮމިޝަނުން އިދާރީ ފަސޭހައަކަށްޓަކައި ހުށަހަޅަން އަންގާފައިވާ އެއްޗެއް ކަމަށެވެ. އަދި ކޮމިޝަނުގެ އިދާރީ ފަސޭހައަކަށްޓަކައި އެއްވެސް މީހެއްގެ އަސާސީ ހައްގެއް ގެއްލިގެން ނުވާނެ ކަމަށް އަފީފު ވިދާޅުވި އެވެ. އެހެން ކަމުން ޝާއިރުގެ ކެންޑިޑެސީ ބަލައިގަނެވެން ނެތް ކަމަށް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
ޖަވާބުގައި އިލެކްޝަންގެ ފަރާތުން އެތާނގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ތޮލާލް ވިދާޅުވީ އިއުލާނުގައިވާ 50 މީހުންގެ ސޮއި ހިމެނޭ ސޮފްޓް ކޮޕީ ޝާއިރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ މާޗް 11 ވަނަ ދުވަހު 00: 15 ގެ ފަހުން ކަމަށާއި އެކަން ކޮށްފައިވަނީ ވަގުތު ހަމަވި ފަހުން ކަމަށެވެ. އެ ދުވަހު ލިޔެކިއުންތައް ބަލައިގަތް ކަމުގެ ލިޔުން ހަވާލުކުރެވިފައި ނުވަނީ ޝާއިރުގެ ފަރާތުން ހުށަހެޅުއްވި 50 މީހުންގެ ސޮއި ހިމެނޭ ސީޑީ) ސޮފްޓް ކޮޕީ( ގައި ވަނީ ކޮން އެއްޗެއްކަން ކޮމިޝަނަށް ބެލިފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ޝާއިރު ވިދާޅުވީ ސޮފްޓް ކޮޕީ ހުށަހަޅުއްވާފައި ވަނީ މާޗް 11 ވަނަ ދުވަހުގެ 00: 15 ގެ ކުރިން ކަމަށާއި ކޮމިޝަނުން އެއާ ހަވާލުވެފައިވާ ކަމަށެވެ. އަދި ގަޑިޖެހިގެން ދިޔަނަމަ އެ ސޮފްޓް ކޮޕީއާ ކޮމިޝަނުން ހަވާލުވެފައި ވަނީ ކީއްވެގެންތޯ ޝާއިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ތޮލާލް ވިދާޅުވީ ގަޑިޖެހިގެން ދިޔަ ނަމަވެސް ކޮމިޝަނުން އެ އެއްޗެއް ބަލައިގަންނާނެ ކަމަށާއި އެކަމަކު އެ އެއްޗެއް ހުށަހަޅާފައިވަނީ ގަޑިޖެހިގެންކަމާއި ބަލައިގަނެވެން ނެތްކަން ފަހުން ކޮމިޝަނުން އަންގާނެ ކަމަށެވެ. އަދި އެ ދުވަހު ޝާއިރު ސޮފްޓް ކޮޕީ ހަވާލުކުރީ 00: 15 ގެ ފަހުން ކަމަށާއި ޝާއިރު ސޮފްޓް ކޮޕީ ގެންދެވީ ގަޑި ހަމަވެގެން، އެކަން އިދާރީ ބޭފުޅަކު ކައުންޓަރަށް އެންގުމުން ކައުންޓަރުގައި ހުރި އެކަމާ ގުޅޭ ބޭފުޅާ އެތަނުން ދިޔަ ފަހުން ކަމަށެވެ. އަދި ޝާއިރު ސޮފްޓް ކޮޕީ ގެންދެވުމުން ޝާއިރު އެ ކޮޕީ ގެންދެވީ ގަޑިޖެހުން ފަހުންކަން އިލެކްޝަންސްގެ ބޭފުޅަކު ޝާއިރަށް އެންގެވި ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
ތޮލާލް އިތުރަށް ވިދާޅުވީ މި މައްސަލައަކީ މިހާރު ބާއްވަން އިއުލާންކޮށްފައިވާ އިންތިހާބަކާ ގުޅުން ހުރި މައްސަލައެއް ކަމުން މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުލް ޣަނީ ވިދާޅުވީ މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމުން ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ މައްސަލައިގައި ޝާއިރު ދައުވާ ކުރެއްވި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ