ދަމާ ހަލާފައި ރާއްޖެ އަށް ޑިމޮކްރެސީ ގެނައީ އެމްޑީޕީ މެންބަރުން: ޑރ. ޝަހީދު

ރާއްޖެ އަށް ދަމާ ހަލާފައި ޑިމޮކްރެސީ ގެނައީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީދު ވިދާޅުވީ ޑިމޮކްރަސީގެ ދުވަހު ވާހަކަ ދެއްކުން އެންމެ ހައްގީ އެމްޑީޕީގެ ހަރުގޭގައި ކަމަށެވެ. އަދި އިންސާނީ ހައްގުތައް އެމްޑީޕީން ރާއްޖެ އަށް ހޯދައިދިނީ މަގުމައްޗަށް ނުކުމެގެން ގަދަކަމުން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި މިހާރު ލިބިފައި މިއޮތް އިންސާނީ ހައްގުތައް ކުރިއަށް ދިއުމުގައި ވަރަށް ބޮޑު ހިއްސާއެއް އެމްޑީޕީގައި އެބައޮތް. ތިބޭފުޅުން އެ ހައްގުތައް ހޯއްދެވީ މަގުމައްޗަށް ނުކުމެވަޑައިގެން، ގަދަކަމުން ހޯއްދެވީ،" އެމްޑީޕީގެ ހަރުގޭގައި ޖަމާވެފައި އޮތް ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރަސީ ގެނައީ ތިމަންނާމެންނޭ ބުނެ ބަޔަކު މީހުން ދައުވާކުރި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށާއި މުޅި ދުނިޔެ ވެސް އެކަން ގަބޫލުކުރާ ކަމަށެވެ.
".... ވަރަށް ކުޑަ މިސާލެއް، މިއަދުގެ ޝިއާރަކީ ކޮބައިތޯ. މިއަދު އައިޕީއީން ނެރުނު ޝިއާރެއްގައި އޮންނަނީ ކީކޭތޯ. އޭގަ އޮންނަނީ ކާމިޔާބުގައި ހިތްތިރި ކުރާށޭ، ނާކާމިޔާބުގައި ހިތްވަރުގަދަ ކުރާށޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ރޭ ހަރުގެއަށް ވަޑައިގެން ވާހަކަ ދައްކަވާތީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީތޯ ބައެއް މީހުން ސުވާލު ކުރެއްވި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި ޖަވާބުގައި، ޑިމޮކްރަސީ ދުވަހު "އެމްޑީޕީ އަށް ސެލިއުޓް ކުރަން ޖެހޭ" ކަމަށް އޭނާ ކައިރީގައި ވިދާޅުވި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑިމޮކްރަސީ ގެނައީ އެމްޑީޕީންނޭ ޑރ. ޝަހީދު މިހާރު ވިދާޅުވި ނަމަވެސް، ކުރިން އޭނާ ވަނީ އެމްޑީޕީއަކީ ޑިމޮކްރަސީ އާއި އިސްލާހާ ދެކޮޅަށް މަސައްކަތް ކުރި ބައެއް ކަމަށް ވިދާޅުވެފަ އެވެ. މައުމޫން ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި އިރު، 2007 ވަނަ އަހަރު ވިދާޅުވެފައި ވަނީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ސިޔާސީ ވަރަށް ގިނަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖެއަށް ހަގީގީ ޑިމޮކްރަސީ ގެންނެވުމަށް ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރަނީ ޑިމޮކްރެސީގެ އިމުން ބޭރުން އެހެން ގޮތްގޮތުން ވެރިކަން ހޯދުމަށް ކަމަށާއި އެމްޑީޕީން ގެންނަން ބޭނުންވަނީ ހަގީގީ އިސްލާހެއް ނޫން ކަމަށާއި އިންގިލާބެއް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ.
ޖުމްހޫރީ މައިދާނަށް 2004 އޮގަސްޓް ،12 13 ގައި ބޭއްވި އެއްވުން ޑރ. ޝަހީދު ސިފަ ކުރައްވާފައި ވަނީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ކުރި ބަޣާވާތެއްގެ ގޮތުގަ އެވެ. އޭރު ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އެއްވި މީހުން ކެމްޕޭން ކުރަމުން ދިޔައީ ޕްރޯ ޑިމޮކްރަސީގެ ނަމުގައި ކަމަށާއި ތަޅާ ފޮޅުމާއި ލޭ އޮހޮރުވުމުގެ ހަރަކާތްތަކަކީ ޕްރޯ ޑިމޮކްރަސީގެ ހަރަކާތްތައް ކަމުގައި ނުދެންނެވޭނެ ކަމަށެވެ.
އޮގަސްޓް 13،12 ފާހަގަ ކުރުމަށް 2006 ގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ދައުވަތު ދެއްވުމުން ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބާއްވާ ރެލީއެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމަށެވެ. ތަންތަނަށް އެއްވެ ހަޅޭއްލެވުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް އޭރު ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އޭނާ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި އިރު އޭނާ ވިދާޅުވެފައި ވަނީ އިސްލާހަށް ހުރަސް އަޅާ ބަޔަކީ އެމްޑީޕީ ކަމަށާއި އޭގެ ގެއްލުން ވާނީ އެ މީހުންނަށް ކަމަށެވެ. ދެ ހާސް ހަވަނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އެމްޑީޕީން ބާއްވަން އުޅުނު މުޒާހަރާއަކާ ގުޅިގެން ޓީވީ މޯލްޑިވްސް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީދު ވަނީ "އަޅުގަނޑު ހިތަށް އަރާ ފަހަރެއްގައި 24 ވަނަ ދުވަހު ހިނގަމުން މިދަނީ އެމްޑީޕީގެ ސިޔާސީ ޖަނާޒާއެއް ވެސް ނޫން ބާވައޭ، މިއީ މީހުން ކުރާވަރުގެ ކަމެއް ބާއޭ ވެސް" އޭ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ