ބޭނުންވާ ވަރަށް ހަނޑޫ ނުގެނެވިގެން އުޅެނީ އިންޑިއާގެ އެޖެންޓަށް ހަނޑޫ ނުލިބިގެން: އެސްޓީއޯ

ރާއްޖެ އަށް ހަނޑޫ ލިބުން ދަތިވެގެން އުޅެނީ ބީލަމުގެ އުސޫލުން ކާޑު ގެންނަން އެސްޓީއޯ އިން ހަވާލުކޮށްފައިވާ އިންޑިއާގެ އެމްއެމް އެކްސްޕޯޓަށް ބޭނުންވާ ވަރަށް އެ ގައުމުން ހަނޑޫ ނުލިބިގެން ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ނަބީލް ވިދާޅުވީ އެމްއެމް އެކްސްޕޯޓުން އެންމެ ގިނައިން ހަނޑޫ ގަންނަ ސްޓޭޓް ކަމަށްވާ އަންދްރަޕްރެދޭޝް އިން ހަނޑޫ ލިބުން ދަތިވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް އެ ސްޓޭޓްގެ ސަރުކާރާ އެކު ވާހަކަ ދައްކަމުން ވެސް ގެންދާ ކަމަށެވެ.
"އެ މީހުން (އެމްއެމް އެކްސްޕޯޓް) ހަނޑޫ އެންމެ ގިނައިން ގަންނަނީ އަންދްރަޕްރަދޭޝް އިން. އެތަނުން ހަނޑޫ ލިބުން މިދުވަސްވަރު ދަތިވެގެން އުޅެނީ. އެއީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ ބުނާކަށް ނޭނގޭ. އެހެން ނަމަވެސް އެ މީހުން އިންޑިއާގެ އެހެން ސަރަހައްދުތަކުން ވެސް ހޯދުމުގެ މަސައްކަތް އެބަ ކުރޭ،" ނަބީލް ވިދާޅުވި އެވެ. "އަދި އެހެން ސަރަހައްދުތަކުން ގަންނަ ކުދި ޝިޕްމަންޓްތައް ކުދި ބޯޓުފަހަރުގައި ކޮންމެ ތިން ދުވަހުން އެއް ދުވަހު ގެންނަމުން މިދަނީ."
އޭނާ ވިދާޅުވީ އަންދްރަޕްރަދޭޝް އިން ހަނޑޫ ލިބުން ދަތިވި ނަމަވެސް ކޮންމެ ތިން ދުވަހުން އެއް ދުވަހު މަދުވެގެން 3،000 ބަސްތާ ހަނޑޫ ގެންނަ ކަމަށެވެ. އަދި 2000 ޓަނު ( 40،000 ބަސްތާ) ގެ ޝިޕްމަންޓެއް ގެނައުމަށް ބޯޓަށް ލޯޑުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ މަހެއްހާ ދުވަހުގެ ޝިޕްމަންޓެއް. އެ ޝިޕްމަންޓް ލިބުމުން މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުވެގެންދާނެ. އަޅުގަނޑުމެންނަށް ލިބުން ދަތިވި ނަމަވެސް އެސްޓީއޯގެ ގުދަނުން އެވްރެޖްކޮށް ދުވާލަކު 1،200 ބަސްތާ ވިއްކާ. އަދި ވަކިވަކިން ވެސް މާލެ ތެރޭގެ ފިހާރަތަކަށް ވެސް ވިއްކަމުން ގެންދަނީ،" ނަބީލް ވިދާޅުވި އެވެ.
ނަމަވެސް މާލެ ތެރެއަށް ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް ޑިސްޓްރިބިއުޓްކުރާ ހަނީކޯނަރުގެ ފަރާތުން ވާހަކަ ދެއްކި އަބްދުލް ގައްޔޫމް ބުނީ އެސްޓީއޯ އިން އަދިވެސް ދޫކުރަނީ ދުވާލަކު 50 ބަސްތާ ހަނޑޫ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ގާތްގަނޑަކަށް 90 ޕަސެންޓް ފިހާރަތަކަށް ސަޕްލައިކުރާ ބައެއް. އެ މިންވަރަކުން މާލެ ތެރެއަށް ނުފުދޭ. އެވްރެޖްކޮށް ދުވާލަކު 300 ބަސްތާ ހަނޑޫ ބޭނުންވޭ. ނަމަވެސް އެސްޓީއޯއަކުން ދުލެއް ނުކުރޭ،" ގައްޔޫމް ބުންޏެވެ. "އެސްޓީއޯ އިން ބުނަނީ ބޯޓު އައުން ލަސްވެގެންނޭ ކޮންޓްރޯލްކުރަން ޖެހެނީ. އެ ބުނާ ބޯޓެއް އަންނަ ދުވަހެއް ނާދޭ."
އޭނާ ބުނީ އެސްޓީއޯ އިން ހަނޑޫ ވިއްކުން ކޮންޓްރޯލްކުރި ނަމަވެސް މާލެ ތެރޭގެ ފިހާރަތަކަށް ވިއްކާ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ވިއްކަނީ 10ރ.ގެ ޑެލިވަރީ ޗާޖަކާ އެކު ބަސްތާއެއް 211ރ. އަށް. ވިޔަފާރިވެރިން އަމިއްލަ އަށް އެސްޓީއޯ ގުދަނުން ގަނެގެން ގެންދާ ނަމަ ހަރަދު މިއަށް ވުރެ ބޮޑުވާނެ. އެހެންކަމުން އަޅުގަނޑުމެންގެ ޑެލިވަރީ ޗާޖަކީ ބޮޑު އަދަދެއް ނޫން،" ގައްޔޫމް ބުންޏެވެ.
އޭނާ ބުނީ ހަނޑޫ ލިބުން ދަތިވެގެން ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގުގައި ވިއްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުން ގަންނަ ރޭޓަށް ވުރެ ބޮޑު އަގުގައި އެހެން ފަރާތްތަކަށް ވިއްކާ ކަމުގެ މައުލޫމާތު ލިބޭ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް އެއްވެސް ބަޔަކަށް ނުވިއްކޭނެ،" ގައްޔޫމް ބުންޏެވެ.
އެސްޓީއޯ އިން ހަނޑޫ ވިއްކުން ކޮންޓްރޯލްކުރުމުން މާލެ ތެރޭގެ ކުދި ފިހާރަތަކުން ވެސް ހަނޑޫ ވިއްކާވަރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ހެންވޭރު ކޮޅުގައި ހުންނަ ވީޓޫ ފިހާރަ އިން ވާހަކަދެއްކި މީހަކު ބުނީ އެސްޓީއޯ އިން ކުދި ފިހާރަތަކަށް ވިއްކަނީ ދުވާލަކު އެއް ބަސްތާ ހަނޑޫ ކަމަށެވެ. ބޮޑެތި ފިހާރަތަކަށް ފަސް ބަސްތާ ވިއްކާ ކަމަށް އޭނާ ބުންޏެވެ.
"އެންމެ ބަސްތާއަކުން ދުވާލަކަށް ނުފުދޭ. އަދި ހޯލްސޭލްކޮށް ވިއްކާ ހަނީކޯނަރުން ވެސް ހަނޑުލެއް ނުލިބޭ،" އޭނާ ބުންޏެވެ. "ހަނޑޫ ލިބުން މަދުވުމުން ގެއަކަށް އެއް ކިލޯގެ މަގުން ދުވާލަކު ވިއްކަނީ. އެގޮތަށް ހަދަން ޖެހުނީ ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ