ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ އަވަސްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދެފި

ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ޚާއްސަ ހާލަތާ ގުޅިގެން 2009 ގައި ތިން މަސް ދުވަހުގެ މުއްދަތަށް އުނިކުރި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޕްރީމް ކޯޓުގައި އެދެފި އެވެ.
ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދުނީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެއީ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާ ވެސް ގުޅުން ހުރި ކަމަކަށްވާތީ ކަމަށެވެ. މީގެ އިތުރުން އެ މައްސަލަ ޝަރުއީ ދާއިރާގައި އުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ސީއެސްސީން ބުނެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އުނިކުރީ ތިން މަސް ދުވަހަށް ނަމަވެސް، އެ މުއްދަތު ނިމި ޖެނުއަރީ ،1 2010 އިން ފެށިގެން މުސާރަ އިއާދަކޮށްދިނުމަށް ސީއެސްސީން ފިނޭންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެކަން ކޮށްފައި ނުވާތީ ފުރަތަމަ އެ މައްސަލަ ހުށަހެޅީ އޭރުގެ މަދަނީ ކޯޓް ނުވަތަ މިހާރުގެ ސިވިލް ކޯޓަށެވެ.
ސީއެސްސީން ބުނެފައިވާ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި، ސީއެސްސީއަށް ލިބިދޭ ބާރުތައް ހަނިކުރެވޭ ނުވަތަ ހުރަސްއެޅޭ ގޮތަށް ބަޔާންކޮށްފައިވާތީ އެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސް ގާނޫނުގެ ދަށުން ސީއެސްސީއަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިޚުތިޔާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން ބަންޑާރަ ނާއިބުގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ވެސް ނިންމާފައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
"ހައި ކޯޓުން ކުރެއްވި ހުކުމާ އެއްގޮތަށް މައްސަލަ ހައްލުކުރެއްވުމަށް ބާރުއަޅުއްވައި ދެއްވުން އެދި މި ކޮމިޝަނުން 10 މޭ 2011 ގައި އެޓާނީ ޖެނެރަލްގެ އޮފީހަށް އެދި، މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޝަރީއާ ވެސް ބައްދަލުކޮށް މަޝްވަރާކުރެވުނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހަމަ އެ ހަފުތާ ތެރޭގައި މިކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯއްދަވައި ދެއްވުން އެދި ސިޓީއަކުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދެންނެވުނެވެ. މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރަ 2011 އާއި 2012 ގެ ބަޖެޓުގައި ހިމަނައި ދެއްވުމަށް މި ކޮމިޝަނުން މަޖިލީހުގައި ވާނީ އެދިފަ އެވެ،" ސުޕްރީމް ކޯޓަށް ސީއެސްސީން ފޮނުވި ސިޓީއާ ހަވާލާދީ އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރަ ފާއިތުވި ދެ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސީއެސްސީން ކުރި އެއްވެސް މަސައްކަތެއް ވަނީ ކާމިޔާބު ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ