ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ވަތަނާއި ދީނުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ސިޔާސީ ގޮތުން ބަނގުރޫޓުވެ، ދައްކާނެ އިތުރު ވާހަކަތަކެއް ނެތިގެން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކެމްޕޭން ސްޕޯކްސް ޕާސަން ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ކައުންސިލް އިންތިހާބުގެ ކެމްޕޭނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ސަބަބުން ދީނީ ގޮތުން އަދި ވަތަނީ ގޮތުން ވެސް ރައްޔިތުންނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އިންތިހާބަކީ ރައްޔިތުންނަށް ބާރުތަކެއް ލިބި، ރައްޔިތުންނަށް ފައިދާ އަށް ބާއްވާ އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކައުންސިލް އިންތިހާބު ދީނާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
"ސިޔާސީ މީހުން ބަނގުރޫޓްވެ، ދައްކާނެ ވާހަކަ ހުސްވީމަ ކަނޑުވާ މީހާ ފަރުވާންވެގެން ދައްކާނީ ވަތަނީ ވާހަކަ އާއި ދީނީ ވާހަކަ. އަޅުގަނޑަށް އެނގޭ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯއެއް ނެތް ކަމާއި އިންތިހާބުގައި އެ މީހުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ. "ލޯކަލް ގަވަމެންޓް އައިސްގެން ރާއްޖޭގެ ވަތަނިއްޔަތަކަށް ބަދަލެއް ނާންނާނެ. އެހެންވެ ވަރަށް ހައިރާންވޭ ވަތަނީ، ދީނީ ވާހަކަ ދައްކަން ޖެހިވަޑައިގަންނަވާތީ."
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަރަށް "ކުޑަ ފަރަގަކުން" އެމްޑީޕީ އަށް ގޮނޑިތަކެއް ގެއްލިގެން ދިއަ ނަމަވެސް ކައުންސިލް އިންތިހާބުގައި އަލުން އެ ތަޖުރިބާ އިއާދަވާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް ގާއިމް ކުރެވުނީމަ ވާނެ އެންމެ މޮޅު ކަމަކީ ސަރުކާރުން އެ ރަށަކަށް ދެއްވަން ބޭނުންވާ ހިދުމަތްތައް ހަލުއިކަމާ އެކު ދިއުން. ރައީސް ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަތަކުގެ މުހިންމު އަމާޒަކީ ރައްޔިތުން،" މި ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި އެކަމަކު ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބިވަޑައިނުގަތުމުން އިސްތިއުފާ ދެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.
އިދިކޮޅު ޑީއާރުޕީ އަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯއެއް ނެތި ކެމްޕޭނަށް ކުރިމަތިލައިގެން އެ މީހުން މަސައްކަތް ކުރަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކަށް ހުރަސްއެޅުމަށެވެ.
"އަޅުގަނޑުމެން ބަލަން ބޭނުންވަނީ ކޮން ބައެއްތޯއޭ ރައްޔިތުންގެ މަސްލަހަތަށް ކަމެއް ކޮށްދެވޭނީ؟ ކޮން ބައެއްތޯއޭ ތަރައްގީ އަށް ކަމެއް ކޮށްދޭން ބޭނުންވަނީ؟ ކޮން ބައެއްތޯއޭ ޕާޓީ ތެރޭގެ މަސްލަހަތު ހައްލު ނުކުރެވިގެން އެކަމުގެ ކޯޅުންތައް މުޅި ގައުމު ތެރެއަށް ފަތުރައިގެން އުޅެނީ؟" ޑީއާރުޕީ އަށް ނިސްބަތްކުރައްވައި ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނަށް އޮތް ތާއީދު ހާމަކުރުމަށްޓަކައި މި މަހުގެ 20 ގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ރީނދޫ ކުލަ ލާނެ ކަމަށެވެ. އެގޮތުން ހުރިހާ ގޭގެއެއްގައި ރީނދޫ ކުލަ އާއި ދަވާދު ބޭނުންކޮށް އިންތިހާބުގައި އެ ޕާޓީ އަށް އޮތް ތާއީދު ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ކެމްޕޭންގެ އަމާޒަކީ "ކޮންމެ ގެއެއްގެ ދޮރުގައި ތިން ފަހަރު ޓަކި ޖެހުން" ކަމަށް އެމްޑީޕީން ބުނެ އެވެ.
ވަތަނާއި ދީނުގެ ވާހަކަ ދައްކަނީ ސިޔާސީ މީހުން ބަނގުރޫޓްވެ، ވާހަކަ ހުސްވުމުން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ